ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަތުން 3-0 އިން ރެއާލް މެޑްރިޑް ބަލިވިއިރު، އެތުލެޓިކޯ މެޑްރިޑް ވަނީ 2-2 އިން ޔުވެންޓަސްއާ އެއްވަރުކޮށްފައެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި އާއްމުކޮށް ކުޅެމުން އަންނަ މާސެލޯ އާއި ލުކާ މޮޑްރިޗްގެ އިތުރުން އިސްކޯ އާއި މާކޯ އަސެންސިއޯ އަދި ސަސްޕެންޝަނުގެ ސަބަބުން ކެޕްޓަން ސާޖިއޯ ރާމޯސް އާއި ނާޗޯ ފެނާންޑޭޒްއާ ނުލައެވެ.

މީގެއިތުރުން، ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު، އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ އެންމެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ އެޑިންސަން ކަވާނީ އާއި ނޭމާ އަދި ކިލިއަން އެމްބާޕޭ ނުކުޅެއެވެ. ކަވާނީ އާއި އެމްބާޕޭ އަށް އަނިޔާގެ ސަބަބުން ނުކުޅެވުނުއިރު، ނޭމާ އަށް ނުކުޅެވުނީ ސަސްޕެންޝަނުގެ ސަބަބުންނެވެ.

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެލަނޑުގެ ލީޑެއްނަގައި ރެއާލް ހާސްކޮށްލާފައެވެ. އެގޮތުން، މެޗުގެ 14 ވަނަ މިނެޓުގައި ހުއާން ބެނާޓް ދިން ޕާހަކުން ޕީއެސްޖީގެ ފުރަތަމަ ލަނޑުޖަހައިދިނީ ކުރީން ރެއާލަށް ކުޅުނު އާޖެންޓީނާގެ އެންހެލް ޑި މާރިއާ އެވެ. އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި އިދްރިސާ ގޭ ދިން ބޯޅައަކުން ޑި މާރިއާ ވަނީ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ރީތި ހަމަލާއަކުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ޕީއެސްޖީގެ ފަހުލަނޑު، މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ ބެލްޖިއަމްގެ ފުލްބެކް ތޯމަސް މޫނިއޭ އެވެ.

މި މެޗުގައި ރެއާލްގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު، އެ ޓީމުގެ ގަރެތު ބޭލް އާއި ކަރީމް ބެންޒެމާ އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވެއެވެ. އެގޮތުން، ފުރަތަމަ ހާފުގައި ރެއާލުން ގޯލެއް ކާމިޔާބުކުރިއިރު، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ ބޭލް އެ ބޯޅަ ފޮނުވާލުމުގެ ކުރީން އަތުން ކޮންޓްރޯލް ކުރުމުން އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. އޭގެފަހުން، ދެވަނަ ހާފުގައި ބެންޒެމާ ލަނޑުޖެހިއިރު، ރެއާލްގެ ލޫކަސް ވަޒްކޭޒް އޮފްސައިޑް މަގާމެއްގައި ހުރުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ އެ ގޯލްވެސް ގަބޫލެއްނުކުރިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި، ޔުވެންޓަސް އިން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، އެ ޓީމަށް އެއްވަރުކޮށްދިނީ ފަހު 20 މިނެޓުގެ ތެރޭގައި ޖެހި ދެ ގޯލުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން އެތުލެޓިކޯގެ ޔާއޯ ފެލިކްސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މި މެޗުގެ ދެވަނަ ހާފު ފެށިތާ ތިން ވަރަކަށް މިނެޓުގެ ތެރޭގައި، ހުއާން ކުއަޑްރާޑޯގެ ގޯލުން ޔުވެންޓަސް ލީޑްނެގިއިރު، މެޗުގެ 65 ވަނަ މިނެޓުގައި ބްލައިސް މަޓުއިޑީ ވަނީ އެ ޓީމުގެ ލީޑް ފުޅާކޮށްދީފައެވެ. އޭގެ ފަސް މިނެޓުފަހުން، ސްޓެފަން ސަވިޗްގެ ގޯލުން އެތުލެޓިކޯ ފަރަގު ކުޑަކުރިއިރު، ހެކްޓަ ހެރޭރާގެ ގޯލުން އެ ޓީމުން އެއްވަރުކުރީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރެޑްސްޓާ ބެލްގްރޭޑް އަތުން 3-0 އިން ބަޔާން މިއުނިކް މޮޅުވިއިރު، މެންޗެސްޓާ ސިޓީން ޝަހުތަރު ޑޮނެސްކުގެ މައްޗަށް ކުރިހޯދީވެސް ހަމަ އެ ނަތީޖާއިންނެވެ. އޮލިމްޕިއާކޯސްއާ ޓޮޓެންހަމް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމުނުއިރު، ލޮކޮމޯޓިވް މޮސްކޯ ވަނީ ރަށުން ބޭރުގައި 2-1 އިން ބަޔާ ލެވަކޫސަން ބަލިކޮށްފައެވެ. މީގެއިތުރުން، ޗެމްޕިއަންސް ލީގުގައި އަލަށް ކުޅުނު އެޓަލާންޓާ ވަނީ 4-0 އިން ޑިނަމޯ ޒަގްރެބް އަތުން ބަލިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.