އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅުން ހުއްޓާލުމުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އައުން އެންމެ ގާތީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ އިތުބާރު ވިންގާ ރަހީމް ސްޓާލިން ކަމަށް ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ސްޓާލިން އަށް ތައުރީފްކޮށް ޒަވީ މިގޮތަށް ވާހަކަދައްކާފައިވާއިރު، މީގެކުރީން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އިނގިރޭސި މީޑިއާގައި މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯއާ ސްޓާލިން އަޅާނުކިޔުމަށާއި، އެ ފަދަ ވާހަކަތަކަށް ސަމާލުކަން ނުދިނުމަށްވެސް ސްޓާލިންގެ ކިބައިން އެދިފައިވެއެވެ.

ބާސެލޯނާ އަށް ކުރީން ކުޅުނު ސްޕެއިނުގެ އިތުބާރު މިޑްފީލްޑަރު ޒަވީ ބުނީ މެސީ އާއި ރޮނާލްޑޯ ކުޅުން ހުއްޓާލާ ދުވަހަކުން އެ މަގާމަށް ކުރީން އަންނާނެ ކަމަށް ބެލެވުނު، ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ނޭމާ އަށް ވުރެ ސްޓާލިން މިހާރު މާ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށެވެ.

ޒަވީ އިތުރަށް ފާހަގަކުރިގޮތުގައި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީގެ ޓީމު ލިސްޓުގައި މިހާރު އެންމެ ފުރަތަމަ ހިމެނޭ ކުޅުންތެރިންގެ ތެރޭގައިވެސް ސްޓާލިން ކުރީގައި އުޅޭކަމަށާއި، ފަހަކަށް އައިސް ކްލަބުގެ އިތުރުން ގައުމީ ޓީމުގައި އޭނާގެ ފަރާތުން ފެންނަމުންދާ މޮޅު ކުޅުމަކީ އެކަމަށް ބާރު ލިބިދޭ ހެކި ކަމަށެވެ.

މީގެކުރީން، ޚުދު ސްޓާލިން ވެސް ވަނީ އޭނާގެ އަމާޒަކީ ގިނަ ގޯލްތަކެއް ޖަހައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭނެ ފަދަ ކުޅުންތެރިއަކަށްވުން ކަމަށް ބުނެފައެވެ. އަދި މިވަގުތު އެ މަގާމުގައި ތިބި ދެ ކުޅުންތެރިން ކަމަށްވާ މެސީ އާއި ރޮނާލްޑޯ ވެސް މެދުކެނޑުމެއްނެތި ކޮންމެ ސީޒަނަކުވެސް ގިނަ ގޯލްތަކެއް ޖަހަމުން އަންނަ ކަމަށާއި، އޭނާގެ އަމާޒަކީ އެ ދެ ކުޅުންތެރިންނެކޭ އެއްފަދައިން ގިނަ ގޯލްތަކެއްޖަހައި، ޓީމާއެކު ގިނަ ކާމިޔާބީތައް ހޯދުންކަމަށް ވެސް ބުނެފައިވެއެވެ.

"އަހަރެން ދެކޭ ގޮތުގައި، މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ މެސީ. މެސީއާ ރޮނާލްޑޯ އަކީ މިވަގުތު އެންމެ މަތީ ލެވެލްގައި ކުޅެމުންދާ ދެ ކުޅުންތެރިން."

"އެހެންނަމަވެސް، އެ ދެ ކުޅުންތެރިން ނެތް ދުވަހަކުން އެ މަގާމަށް އައުން އެންމެ ގާތް ކުޅުންތެރިންގެ ތެރޭގައި، ނޭމާ އާއި އެމްބާޕޭގެ އިތުރުން މުހައްމަދު ސަލާހު އަދި ސްޓާލިން ހިމެނޭ. އެކަމަކު، މި ކުޅުންތެރިންގެ ތެރެއިންވެސް އެ މަގާމަށް އަންނާނީ ސްޓާލިން." އިނގިރޭސި ނޫހެއްކަމަށްވާ މިރޯ އަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުންޏެވެ.

މީގެއިތުރުން، ޒަވީ ބުނީ ސްޓާލިން އަކީ އެންމެ ކުރިއްސުރެ ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި، ދުނިޔޭގެ ފެންވަރު މޮޅު ކުޅުންތެރިއަކަށް ހެދީ ގާޑިއޯލާ ކަމަށެވެ. ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވީ ދުވަހުން ފެށިގެން ސްޓާލިންގެ ކުޅުމަށް ރަނގަޅު ބަދަލުތަކެއް އަންނަ ފެށިތަން ފެނިފައިވާކަމަށާއި، އަދިވެސް ސްޓާލިން ވަރަށް ޒުވާން ކަމަށާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ވުމުގެ ފުރުޞަތު އެންމެ ބޮޑީ ވެސް އޭނާ އަށް ކަމަށް ޒަވީ ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.