ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރީން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވުރެ ގިނަ ބެލަންޑިއޯ އެވޯޑް ލިބެންޖެހޭނެކަމަށް އޭނާ ބުނެފިއެވެ.

ފްރާންސްގެ ފުޓްބޯޅަ މަޖައްލާއިން އަހަރުގެ މޮޅު ކުޅުންތެރިޔާއަށް ދެމުން އައި ބެލަންޑިއޯ އެވޯޑް މިހާތަނަށް އެންމެ ގިނަ ފަހަރު ހޯދާފައިވާ މެސީއާ އެއްވަރަށް ރޮނާލްޑޯ ވެސް ވަނީ ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

"މެސީ އަކީ ފުޓްބޯޅައިގެ ތާރީޚުގައި ހިމެނޭ ކުޅުންތެރިއެއް." އިނގިރޭސިވިލާތުގެ ޓީވީ ޕްރެޒެންޓަރެއްކަމަށްވާ ޕިއަސް މޯގަން ކުރި ސުވާލުތަކަށް ޖަވާބުދެމުން އައިޓީވީ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.

"އެކަމަކު، އަހަރެންނަށް ހީވާގޮތުގައި މެސީގެ ކުރިއަށް ޖެހިލުމަށްޓަކައި ހައެއް، ހަތެއް ނުވަތަ އަށް ބެލަންޑިއޯ އެވޯޑް ހޯދަންޖެހޭނެ." ރޮނާލްޑޯ ބުންޏެވެ.

"އެއީ އަހަރެންނަށް ހައްގު އަދި އެހާ ބޭނުން އެވޯޑެއް." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ މެސީއާ ދެމީހުންނަކީ ގާތް އެކުވެރިން ނޫން ނަމަވެސް، އެކަކު އަނެކަކާ ދެމެދު އޮތް ވާދަވެރިކަމަކީ މިހާރު އެ ދެ ކުޅުންތެރިން ހުރި މަގާމަށް އާދެވުމުގެ ސަބަބުކަމަށެވެ.

"އަހަރެންނާ މެސީއާ ދެމެދު އެކުވެރިކަމުގެ ގުޅުމެއް ނެތް. ނަމަވެސް، މިހާރު މިހުރި މަގާމަށް ދެ ކުޅުންތެރިންނަށްވެސް އާދެވުނީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އެކަކު އަނެކަކަށް ވުރެ މޮޅުވުމަށް އޮތް ވާދަވެރިކަމުގެ ސަބަބުން." ރޮނާލްޑޯ ބުންޏެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯގެ ކްލަބު ކެރިއަރު ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގައި ފެށިނަމަވެސް، އޭގެފަހުން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑާއެކު ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާއިރު، ޕޯޗުގަލްގެ ގައުމީ ޓީމާއެކު 2016 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އިތުރުން 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ޓްރޮފީ ވަނީ އުފުލާލައިފައެވެ.

"ރެކޯޑް ހެދުމަކީ އަހަރެން އެހާ އިސްކަމެއްދޭ ކަމެއް ނޫން. ނަމަވެސް، އެއީ އަހަރެންނާ ވަކިނުވާނެ އެއްޗެއް. ކާމިޔާބީ އަކީ ވެސް އަހަރެންނާ ގުޅިލާމެހިފައިވާ އެއްޗެއް. އެކަމުގެ ސަބަބުން އިތުރު ކާމިޔާބީ ހޯދުމަށް ގަދައަޅާ މަސައްކަތްކުރާން ބޭނުންވޭ." ނިންމާލަމުން ރޮނާލްޑޯ ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.