ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނައިރު، އދ. މަހިބަދޫ އަކީ ގެސްޓްހައުސް ވިޔަފާރީގައި ރާއްޖޭގެ މައިހަބަށް ވުމުގެ އުންމީދުގައި މަސައްކަތް ކުރަމުން އަންނަ ރަށެކެވެ. 

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދައްކަވަމުން މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ޚަލީލު ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަރާދިޔުމާއި ރަށް ތަރައްޤީކުރުމުގެ މަސައްކަތްތަކަކީ ވަރަށް ޕްލޭންކުރެވިގެން ކުރިއަށްގެންދާ މަސައްކަތްތަކެއްކަމަށެވެ. 

އެގޮތުން "ވޯޓާ ސޮލިއުޝަން" އާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލީ ރަށުގެ ލޭންޑް ޔޫޒް ޕްލޭން ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤިގެ ކަންކަން ކުރިއަށް ގެންދިޔައީ އެ ޕްލޭނާއި އެއްގޮތަށްކަން ޚަލީލު ފާހަގަކުރެއްވިއެވެ. 

ކައުންސިލްގެ މި ދައުރު ނިމޭއިރު، ތަފާތު 07 އިންވެސްޓްމެންޓެއް ނިމިގެންދާނެކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އެ އިންވެސްޓްމެންޓް ތަކުން ކޮންމެ މަހަކު ގާތްގަނޑަކަށް ބައިލައްކަ އެއްހާ ރުފިޔާ ކައުންސިލަށް އިތުރަށް ވަންނާނެކަމަށް ޚަލީލު ވިދާޅުވިއެވެ. 

ގެސްޓް ހައުސް ވިޔަފާރީގެ މައިހަބަކަށް ވުމުގެ އަމާޒު 

ގެސްޓް ހައުސް ވިޔަފާރި ކުރާ ރަށްތަކުގެ ތެރެއިން މަހިބަދޫ އަކީ ފާހަގަކޮށްލެވޭ ރަށަކަށް ވާއިރު، މަހިބަދޫގައި މިހާރު ޖުމުލަ 07 ގެސްޓް ހައުސް ހުންނަކަމަށް ކައުންސިލްގެ ރައީސް އަހުމަދު ޚަލީލް ވިދާޅުވިއެވެ. އަދި ރަށުގެ ކެޕޭސިޓީއަކީ 51 އެނދުކަމަށްވެސް ވިދާޅުވިއެވެ. 

މީގެ އިތުރުން އިތުރު 2 ގެސްޓް ހައުސްއެއްގެ މަސައްކަތް މިހާރު ނިމެމުން އަންނަކަމަށާއި، މިއަހަރު ނިމޭއިރު ޖުމްލަ އެނދުގެ އަދަދު 70 އަށްވުރެއް މައްޗަށް އަރާނެކަމަށް ޚަލީލް ވިދާޅުވިއެވެ. 

ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަށް ދިއުމަށް ގެސްޓް ހައުސްތަކަށް ކައުންސިލުން މަގުފަހިކޮށްދެމުން އަންނަކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި "ޓޫރިސްޓް ބީޗް" އަކީ ފަތުރުވެރިންނަށް ރަށް ހުޅުވުމުގައި އިސް ދައުރެއް އަދާކުރާނެ އެއްޗަކަށް ވާނޭކަމަށް ޚަލީލް ވިދާޅުވިއެވެ. 

"ރައްޔިތުންގެ ބީޗު" އަދި "ޓޫރިސްޓް ބީޗް"

މަހިބަދޫ ކައުންސިލްގެ ރައީސް ޚަލީލް ވިދާޅުވީ ރައްޔިތުންގެ ބީޗުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. ދެން އޮތީ އެ ބީޗް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުންކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

ރަށުގައި ގިނަ ގެސްޓް ހައުސް ތަކެއް ހުރިއިރު، ފަތުރުވެރިންނަށް ޚާއްސަކޮށް ބީޗެއް ހުރުން މުހިންމުކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ފަތުރުވެރިންގެ ބީޗުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، އަދި އޮކްޓޯބަރު މަހުގެ ފަހު ކޮޅު ފަތުރުވެރިންނަށް ހާއްސަ ބީޗް ބޭނުންކުރަންފެށޭނެކަމަށެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ފަތުރުވެރިންނަށް ހާއްސަ ބީޗް ހެދުމުގައި "ބީޗް ކްލަބް"ގެ ހާއްސަ އެއްބާރުލުމެއް ލިބޭކަމަށެވެ. 

ރަށް ފެހި ކުރުމުގެ ޕްރޮގްރާމް

"ޖަޒީރާ ނިއުސް" އާއި ވާހަކަ ދައްކަވަމުން މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ޚަލީލު ވިދާޅުވީ، ރަށް ފެހިކުރުމުގެ ޕްރޮގްރާމެއް ފަށްޓާފައިވާކަމަށެވެ. އެގޮތުންތިން މަސްދުވަހުގެ ތެރޭގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި އޭގެތެރެއިން 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި އޮކްޓޯބަރު 15 ގައި 1000 ގަސް އިންދުމުގެ މަޝްރޫއު ނިމޭނެކަމަށް ޚަލީލް ވިދާޅުވިއެވެ. 

ގަސްއިންދުމުގެ ޕްރިގްރާމުގެ ދަށުން އާއްމުކޮށް އިންދަނީ ބޮޑެތި ހިޔާދޭ ގަސްކަމަށާއި، އަދި އޭގެ އިތުރުން ރުށް ހިމެނޭކަމަށް ޚަލީލް ވިދާޅުވިއެވެ. 

ކުނި މެނޭޖް ކުރުމުގެ މަސައްކަތް

ކައުންސިލްގެ ރައީސް ޚަލީލް ވިދާޅުވީ، ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ޑަސްޓްބިންތައް ރަށުގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމާއި އެ ކުނިތައް ރަށުން ބޭރަށް ގެންގޮސް ކޮންމެ ދުވަހަކު ނައްތާލުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އަންދާލައިގެން ނައްތަންޖެހޭ ކުނި ކޮންމެ ދުވަހަކުވެސް ނައްތަމުން ގެންދާކަމަށާއި، އެކަމުގެ ސަބަބުން ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެން ގޮސްފައިވާކަމަށް ޚަލީލު ވިދާޅުވިއެވެ. 

"އަމާޒަކީ މިރަށުގައި (މަހިބަދޫ) ދިރިއުޅޭބަޔަކަށް ހިތްފަސޭހަކަމާއި އެކު އުޅެވޭނެ މާހައުލެއް ޤާއިމުކުރުން. މިއަހަރުގެ ހައިސީޒަނަށް ރަށް ތައްޔަރުކުރުން." މަހިބަދޫ ކައުންސިިލްގެ ރައީސް ޚަލީލް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.