ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި ނަޕޯލީ އަތުން އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް 2-0 އިން ބަލިވިއިރު، ބޮރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ނަޕޯލީގެ ސްޓާޑިއޯ ސަން ޕައޮލޯގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ލަނޑެއްނުޖެހި ނިންމާލިއިރު، ލިވަޕޫލްގެ މުހައްމަދު ސަލާހު އާއި ސަޑިއޯ މާނޭގެ އިތުރުން ރޮބާޓޯ ފިރްމީނޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ނަޕޯލީ އިން ލީޑްނެގީ މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް، ލިބުނު ޕެނަލްޓީއަކުން ޑްރީސް މާޓެންސް އެވެ. މިއީ އެ ޓީމުގެ ހޯސޭ ކަލެހޯން އަށް ލިވަޕޫލްގެ އެންޑްރޫ ރޮބަޓްސަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ލިވަޕޫލްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ހެދުނު ގޯހެއްގެ ފައިދާނަގައި ނަޕޯލީ އަށް ނަތީޖާ 2-0 އަށް ބަދަލުކޮށްލައިދިނީ ފެނާންޑޯ ލޮރެންޓޭ އެވެ.

ރޭގެ މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ނަޕޯލީން ދެއްކި ކުޅުމަށް ތައުރީފްކޮށްފައެވެ. އަދި އޭނާ ބުނީ އެ ޓީމަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ގާބިލްކަން ލިބިފައިވާ ކްލަބެއްކަމަށެވެ.

މިކަމާ ގުޅޭގޮތުން، ނަޕޯލީގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އެ ޓީމު ލޭބަލްކުރަން އަދި މާ އަވަސްކަމަށާއި، ފުރަތަމަ ޓާގެޓަކީ ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ދިއުން ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ ރަށުންބޭރުގައި ޑޯޓްމަންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްއިރު، މިއީ މި ސީޒަނުގައި އޭނާގެ ފުރަތަމަ ފެނިލުމެވެ. މި މެޗުގައި ޑޯޓްމަންޑަށް ލަނޑުޖެހުމަށް ބާސެލޯނާ އަށް ކުރީން ކުޅުނު ޕަކޯ އަލްކަސާގެ އިތުރުން ކެޕްޓަން މާކޯ ރޮއިސް އަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވެއެވެ. 

ދެވަނަ ހާފުގެ ކުރީކޮޅު ޑޯޓްމަންޑްގެ ވިންގާ ޖޭޑަން ސަންޗޯ އަށް ބާސެލޯނާގެ ނެލްސަން ސެމޭޑޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ރޮއިސް ފޮނުވާލި ބޯޅަ ބާސެލޯނާގެ ކީޕަރު މާކް އަންދްރެ ޓަ ސްޓެގަން މަތަކުރިއެވެ. އޭގެފަހުން، މި ހާފުގައި ކުޅެން ނިކުތް ހޫލިއަން ބްރެންޓް ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ޔުރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި 1-0 އިން ވެލެންސިއާ އަތުން ބަލިވިއިރު، އެ ޓީމަށް އެއްވަރުކޮށްދިނުމަށް ލިބުނު ޕެނަލްޓީ އިންގްލެންޑްގެ މިޑްފީލްޑަރު ރޮސް ބާކްލޭ އަށް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. މި މެޗުގައި ވެލެންސިއާ އިން ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯ އެވެ.

މިދިޔަ ސީޒަނުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި އަޔެކްސް އެމްސްޓެޑަމް ވަނީ ފަސޭހަކަމާއެކު 3-0 ގެ ތަފާތަކުން ލިއްލޭ ބަލިކޮށްފައެވެ. އިންޓަ މިލާނުން އަމިއްލަ ދަނޑުގައި ސްލާވިއާ ޕްރާގާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު، އޮލިމްޕިކް ލިޔޯންއާ ޒެނިތު ސެއިންޓް ޕީޓަސްބާގް ކުޅުނު މެޗު ނިމުނީ ވެސް ހަމަ އެ ނަތީޖާއިންނެވެ. އާރްބީ ލިޕްޒިގު ރަށުން ބޭރުގައި 2-1 އިން ބެންފިކާ އަތުން މޮޅުވިއިރު، ރެޑްބުލް ސަލްޒްބާގް ވަނީ 6-2 އިން ގެންކް ބަލިކޮށްފައެވެ. މި މެޗުގައި ސަލްޒްބާގަށް ތިންލަނޑު ޖަހައިދިން އާލިން ބްރައުޓް ހާލަން ވަނީ ރެއާލް މެޑްރިޑްގެ ރައުލް ގޮންޒާލޭޒް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ވޭން ރޫނީ އަށް ފަހު ޗެމްޕިއަންސް ލީގުގެ މެޗެއްގައި ހެޓްރިކް ހެދި ޒުވާން ކުޅުންތެރިޔާގެ ގޮތުގައި މުބާރާތުގެ ތާރީޚުން ޖާގަ ހޯދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.