މަޝްހޫރު ކުންފުނި އެޕަލްގެ ސްޓްރީމިން ސާވިސްގެ ތެރެއިން މިހާރު އުފެއްދުމުގެ މަސައްކަތުގައި އުޅޭ ސީރީޒް "ޝަންތަރަމް" ގެ ލީޑް ރޯލަށް ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ އިނގިރޭސިވިލާތަށް އުފަން އެކްޓަރު ޗާލީ ހަނަމް ހަމަޖައްސައިފިއެވެ.

އުމުރުން 39 އަހަރުގެ ހަނަމް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ 2008 ވަނަ އަހަރު ނިކުތް "ސަންސް އޮފް އެނާކީ" ސީރީޒްގެ ޖެކްސަން ޓެލާގެ ކެރެކްޓާއިންނެވެ. އޭގެފަހުން، "ޕެސިފިކް ރިމް" ގެ ފިލްމުންވެސް އޭނާ ފެނިގެންގޮސްފައިވެއެވެ.

އޮސްޓްރޭލިއާގެ ލިޔުންތެރިޔާ ގްރެގަރީ ޑޭވިޑް ރޮބަޓްސްގެ "ޝަންތަރަމް" ވާހަކައިގެ ރައިޓްސް މިދިޔަ އަހަރުގެ ޖޫން މަހު އެޕަލް ގަނެފައިވާއިރު، އެޕަލް ޓީވީ ޕްލަސްގެ ފުރަތަމަ އިންޓަނޭޝަނަލް އުފެއްދުމުގެ ގޮތުގައި ސީރީޒެއް ތައްޔާރުކުރުމުގެ ފެހި ސިގްނަލް އެ ކުންފުނިން ވަނީ ދީފައެވެ.

މީގެ 16 އަހަރުކުރީން، ޑޭވިޑް ރޮބަޓް ލިޔެފައިވާ "ޝަންތަރަމް" ގައި ގެނެސްދީފައިވަނީ، އޮސްޓްރޭލިއާގެ ޖަލުން ފިލާފައިވާ ލިން (ހަނަމް) އިންޑިއާގެ ބޮމްބޭއަށް ގޮސް އާއިލާ އާއި ރައްޓެހިންނާއި ދުރުގައި ދިރިއުޅުމުގައި ތަޖުރިބާކުރާ އެކި ކަންތައްތަކެވެ. ތަފާތު އެކި 39 ބަހަކުން ދުނިޔޭގެ ކަންކޮޅުތަކުގެ 42 ސަރަހައްދެއްގައި މި ވާހަކައިގެ ހަ މިލިއަނަށް ވުރެ ގިނަ ކޮޕީ ވިކި ހުސްވެފައިވެއެވެ.

މި ވާހަކައިގެ މައްޗަށް ބިނާކުރާ "ޝަންތަރަމް" ސީރީޒްގެ ލިޔުންތެރިއެއްގެ އިތުރުން އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި އެރިކް ވަރެން ސިންގާ ހަރަކާތްތެރިވާއިރު، ޕްރޮޑިއުސްކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާނީ އެނޯނިމަސް ކޮންޓެންޓް އަދި ޕެރަމައުންޓް ޓެލެވިޜަން އެވެ. 

މި ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި، ޑޭވިޑް މެންސަން އާއި އަންދްރެއާ ބަރޮންގެ އިތުރުން ސްޓީވް ގޮލިން އަދި ނިކޯލް ކްލެމެންސް ހިމެނެއެވެ. މީގެކުރީން، މެންސަން ވަނީ "ހައުސް އޮފް ކާޑްސް" އާއި "ބްލަޑްލައިން" އަދި "ބިގް ލަވް" ފަދަ މަޝްހޫރު ސީރީޒްތަކުގައި އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

މީގެއިތުރުން، "ޝަންތަރަމް" ގެ ވާހަކައިގެ މައްޗަށް ބިނާކޮށް ފިލްމެއް އުފެއްދުމަށް މީގެކުރީން ޖޮނީ ޑެޕްއާ ރައިޓްސް ގަނެ، ވޯނާ ބްރަދާޒްއާ އެކު މަސައްކަތްކުރުމަށް ނިންމައި، އެ ފިލްމު ލީޑް ރޯލުން ޖޮއެލް އެޑްގާޓަން ފެނިގެންދާނެކަމުގެ ވާހަކަތައްވަނީ ދެކެވިފައެވެ. 

އެހެންނަމަވެސް، އެނޮނިމަސް ކޮންޓެންޓް އާއި ޕެރަމައުންޓް ޓެލެވިޜަން އިން ބިޑްކުރުމުގެ ވަރުގަދަ ހަނގުރާމައަކަށްފަހު އެ ވާހަކައިގެ ރައިޓްސް މިދިޔަ އަހަރުގެ ޖަނަވަރީ މަހު ގަނެފައިވާކަން ހާމަކޮށްފައިވާއިރު، މި ދެ ކުންފުނީން ގުޅިގެން ވަނީ "ދަ މައުންޓެއިން ޝެޑޯ" ސީކުއެލްގެ ވާހަކަތަކުގެ ރައިޓްސް ވެސް ގަނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.