ރެފްރީންނަށް ފާޑުކިޔުމުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ތިން މެޗަށް ސަސްޕެންޑްކުރި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާގެ އަދަބު ލުއިކޮށްދިނުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯރ ސްޕޯޓްސް (ސީއޭއެސް) އިން ނިންމައިފިއެވެ.

ނިމިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ޕީއެސްޖީ ބަލިވި މެޗަށްފަހު އެ ޓީމުގެ ތަރި ނޭމާ ރެފްރީންނަށް އިންސްޓަގްރާމްގައި ފާޑުކިޔުމުން ޔުއެފާއިން އޭނާ ތިން މެޗަށް ސަސްޕެންޑްކުރިނަމަވެސް، ސީއޭއެސްގައި އެ ކްލަބުން އެޕީލްކުރުމުން ނޭމާ އަށް ގެއްލޭނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗެވެ.

އެގޮތުން، ގްރޫޕް ސްޓޭޖުގައި ސްޕެއިނުގެ ރެއާލް މެޑްރިޑްގެ އިތުރުން ތުރުކީގެ ގަލަތަސާރޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ނޭމާ އަށް ގެއްލުނު ނަމަވެސް، ރަށުންބޭރުގައި ބެލްޖިއަމްގެ ކްލަބު ބްރޫޖްއާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިވެވޭނެއެވެ.

ޔުނައިޓެޑް އަތުން ޕީއެސްޖީގެ ދަނޑުގައި 3-1 އިން އެ ޓީމު ބަލިވި މެޗުގެ އިތުރުވަގުތު ރެފްރީ ދިން ޕެނަލްޓީއަކާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާއިރު، ނޭމާ ވަނީ އިންސްޓްގްރާމްގައި އެކަމަށް ނިސްބަތްކޮށް އެ މެޗަށް އިންސާފުކުރި ރެފްރީންގެ ޓީމަށް ފުޓްބޯޅަ ނޭނގޭކަމަށާއި، އެވަރުގެ ގޯހެއް ހެދުމަކީ ބޮޑު ލަދުވެތިކަމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.

މިފަހަރުގެ ސީޒަނަށް ކުރިމަތިލިއިރު ނޭމާ އަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އަށް ބަދަލުވާން ކުރި މަސައްކަތް ކާމިޔާބުނުވުމުން، އަލުން ޕީއެސްޖީގައި މަޑުކުރަންޖެހުމުން އެ ޓީމުގެ ސަޕޯޓަރުންގެ ނުރުހުމާއި ހަޅުތާލައިދެކޮޅަށް މެޗު ކުޅެން ޖެހުމެވެ.

ދުވަސްތަކަކަށްފަހު އަނިޔާއިން އެނބުރިއައިސް ނޭމާ ކުޅުނު ފުރަތަމަ މެޗު ފެށިގެން ގޮސް ރެފްރީގެ އެންމެފަހު ކަށިގަނޑު ފުމެލުމާއި ހަމައަށް ސަޕޯޓަރުން ވަނީ އޭނާއާ ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ މެޗު ލަނޑެއްނުޖެހި ދެ ޓީމު އެއްވަރުވާން ދަނިކޮށް، ފަހުވަގުތުގައި ބައިސިކަލް ކިކަކުން ނޭމާ ވައްދާލި ގޯލުން ސްޓްރަސްބޯގް އަތުން ވަނީ ޕީއެސްޖީ މޮޅުވެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނޭމާ ބުނީ މިއީ މިގޮތަށް ކަންތައް ދިމާވި ފުރަތަމަ ފަހަރެއް ނޫން ކަމަށާއި، ހިތާމަހުރި ކަމަކަށް ވިޔަސް އޭނާ ކުޅޭ ކޮންމެ މެޗެއް ވާނީ ރަށުން ބޭރުގައި ކުޅޭ މެޗަކަށް ކަމަށާއި، މި ހަގީގަތް ގަބޫލުކުރަންޖެހޭނެކަމަށެވެ.

ޕީއެސްޖީއަށް ދެން އޮތީ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގައި ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ރެއާލްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން 00:00 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *