ޚަބަރު
ފާއިތުވީ 4 މަހު ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު އިތުރުވެއްޖެ: ފާތިމަތު ތައުފީގް

ފާއިތުވީ 4 މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓާ ފާތިމަތު ތައުފީގު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ މިއަހަރު ފެށުނު ފަހުން ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދުތައް އިތުރުވެފައިވާ ކަމަށާއި މިއަހަރުގެ ފުރަތަމަ ހަތަރު މަހު ހާސިލް ކުރަން ބޭނުންވި އަދަދުތައް ހާސިލް ކުރެވިފައިވާ ކަމަށެވެ. އަދި ފަތުރުވެރިން ޒިޔާރަތް ކުރި އަދަދުތައް މިދިޔަ އަހަރާ އަޅާ ބަލާއިރު 25 އިންސައްތަ ކުރިއަރާފައިވާކަމަށްވެސް ވިދާޅުވި އެވެ.

“އާ މާކެޓްތައް ހޯދަން މަސައްކަތްތައް ކުރާނަން. 2024 ވަނަ އަަހަރު ފެށުނު ހިސާބުން ޓޫރިސްޓް އެރައިވަލްތައް އިތުރުވެފަވޭ. ފާއިތުވީ 4 މަހުގައި ޓާގެޓް ޓޫރިސްޓް އަދަދުތައް ހާސިލުކުރެވިފައިވޭ. އަދި 25 އިންސައްތައިގެ ކުރިއެރުމެއް ލިބިފަވޭ”

ފާތިމަތު ތައުފީގް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީގެ 80 އިންސައްތަ ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށެވެ. އެހެންކަމުން، ފަތުރުވެރިކަމަކީ ރާއްޖެއަށް މުހިންމު ސިނާއަތެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ފަތުުރުވެރިން ރާއްޖޭގެ މާކެޓްގައި ދަށްވަމުންދާ ވާހަކައާއި ގުޅޭގޮތުން ސުވާލުކުރުމުން އެމްޑީ ވިދާޅުވީ އިންޑިއާއަކީ ރައްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި ބޮޑު ހިއްސާއެއް އަދާކުރާ ގައުމެއް ކަމަށެވެ. އެމްޑީ ވިދާޅުވި ގޮތުގައި ޗައިނާއާއި ރަޝިޔާއަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި އެހާމެ މުހިންމު ދެ ގައުމު ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެއާއެކު، ޕޮޓެންޝަލް ހުރިހާ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނަ ކުރަން އެމްއެމްޕީއާރްސީން މަސައްކަތް ކުރާނެ ކަމަަށް އޭނާ ހާމަކުރެއްވި އެވެ.

އެމްޑީ ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް ސެކްޓާ ބެހިފައިވަނީ 3 ބަޔަކަށް ކަމަށެވެ. އަދި އަތޮޅުތެރޭގެ ގިނަ މީހުންގެ އާމްދަނީ ބަރޯސާވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ. ރިޒޯޓުތަކުގެ އިތުރުން ރަށްރަށުގެ ބުޓީކްތަކުންވެސް ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭކަން އެމްޑީ ފާހަގަކުރެއްވި އެވެ. ވުމާއެކު، ދިވެހިންގެ އާމްދަނީ ހެޔޮގޮތުގައި ދެމެހެއްޓުމަށް މަސައްކަތްތައް ކުރެވެމުންދާ ކަންވެސް އެމްޑީ ފާހަގަކުރެއްވި އެވެ.

މީގެ އިތުރަށްވެސް އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަހަރު ނިމޭއިރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަމާޒު ހާސިލުކުރެވިދާނެ ކަމަށެވެ.

“އަންނަ 10 އަހަރަށް އާ ޓެކްނޮލޮޖީއާއި އާ އިނޮވޭޝަންސްތައް ބޭނުންކުރެވިދާނެ. މިހާރު އަހަރެމެން ބޭނުންކުރަނީ ޑޭޓާ ފޯކަސްޑް މާކެޓިން. އަޅުގަނޑުމެންގެ ތަފާސް ހިސާބުތަކާއި ރިޕޯޓްތައް ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑާސްއަށް ބޭނުންކުރެވޭނެ. އޭގެ ޒަރީޔާއިން ސްޓޭކްހޯލްޑަރުންނާއި ސަރުކާރަށް ވަކި ނިންމުންތައް ނިންމުމުގައި ފަސޭހަތަކެއް ލިބިގެންދާނެ، އަދި ރަނގަޅުކުރަންވީ ކަންތައްތައް ދެނެގަތުމަށްވެސް ފަސޭހަވާނެ” ފާތިމަތު ތައުފީގް ވިދާޅުވި އެވެ.

ފާތިމަތު ތައުފީގް ވިދާޅުވީ ދުރު މުސްތަގްބަލުގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުމުގެ އުންމީދު އެބައޮތް ކަމަށެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top