ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެ ކޯޓަށް ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ އިސްކަން ދެނީ ކުރީގެ އެޓާނީ ޖެނަރަލް ދިޔާނާ ސައީދަށްކަން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ފޮނުވައިފިއެވެ.
ޖޭއެސްސީން މިއަދު ހާމަކުރި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަނަށް ލިބުނު ނަންތަކުގެ ތެރެއިން "ހައިލީ ރިކޮމެންޑެޑް" ދެ ބޭފުޅަކު ހުންނެވިއެވެ. އެއީ ދިޔާނާގެ އިތުރުން، ޑްރަގް ކޯޓުގައި މަސައްކަތްކުރައްވާ މަހާޒު އަލީ ޒާހިރުއެވެ.
އެ ދެ ބޭފުޅުންގެ ނަމުގެ އިތުރުން "ރިކޮމެންޑެޑް" ތިން ބޭފުޅެއްގެ ނަންވެސް ވަނީ ފޮނުވާފައެވެ. އެއީ ފަނޑިޔާރު މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ސާބިތުވެ ރައްޔިތުންގެ މަޖިލީހުން އޭނާ ވަކިކުރުމުންނެވެ.