ވަޒީފާއިން ސަސްޕެންޑްކުރީ ޒިކުރާ މިސްކިތުގެ މަސައްކަތަށް އެސް.ޖޭ ކޮންސްޓްރަކްޝަންސް އާއި އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުންކަމަށް، އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު ސަސްޕެންޑްކޮށް ވަކި ސަބަބެއް ނާންގާ ތިންވަނަ ފަހަރަށް ސަަސްޕެންޝަން އިތުރުކޮށްފައިވާއިރު މުސްއަބު ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. 

ސަސްޕެންޑް ކުރި ސަބަބު މިއަދާއި ހަމައަށްވެސް ނާންގާ 

މުސްއަބު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 29 މެއި 2019 ގައި އޭނާގެ އިދާރީ މައްސަލައެއް ބަލަމުންދާކަމަށް ބުނެފައިވާކަމަށެވެ. އަދި އޭގެ ފަހުން ދެ ސަސްޕެންޝަންގައިވެސް ތުހުމަތުކުރެވޭ ކަންތައްތައް ބަޔާންނުކޮށް ހަމައެކަނި އަންގާފައިވަނީ ބަލަމުން ގެންދަނީ އިދާރީ މައްސަލައެއްކަމުގައި ކަމަށް މުސްއަބު ވިދާޅުވިއެވެ. 

މި މައްސަލައިގައި މުސްއަބާއި މެދު އަމަލުކުރަމުން އަންނަގޮތުން އެކަން ބަލައިދިނުމަށް އެދި މުސްއަބު ވަނީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ސިޓީއެއްގެ ޒަރީއާއިން ފިނުވާވާފައެވެ. އަދި އޭނާގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ މެދުވެރިކޮށް ސިވިލް ސާވިސް ކޮމިޝަން ޖަވާބުދާރީ ކޮށްދިނުމަށްވެސް މުސްއަބު ވަނި އެދިފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝިދަށް މުސްއަބު ފޮނުވި ސިޓީގައި ބުނެފައިވަނީ، "ތުހުމަތުކުރެވޭ މައްސަލަ/ މައްސަލަތައް އަޅުގަނޑަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެގުމަކީ މައްސަލައިގައި ޖަވާބުދާރީ ވުމަށާއި، މައްސަލައިން ބަރީއަވުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ" މިހެންނެވެ. 

މުސްއަބުގެ ތުހުމަތު "އެސް.ޖޭ. ކޮންސްޓްރަކްޝަންސް" އާއި ސީއެސްސީގެ މެމްބަރު ފާތިމަތު އާމިރާއަށް 

މުސްއަބު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާގެ ސަސްޕެންޝަނާއި، ޒިކުރާ މިސްކިތުގެ މަސައްކަތަށް އެސް.ޖޭ ކޮންސްޓްރަކްޝަންސް އާއި އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ކަންކަމާއި ވަރަށް ބޮޑު ގުޅުމެއްވާކަމަށް ޤަބޫލުކުރެވޭކަމަށެވެ. އަދި އެކަންކަމުގައި ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާގެ ބައިވެރިވުން ހިމެނޭކަމަށްވެސް މުއަބު ތުހުމަތު ކޮށްފައިވެއެވެ.  އަދި އެކަންކަން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައިވެސް ހިމަނާފައެވެ. 

މުސްއަބު މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނި، އޭނާ ގެ މައްސަލައެއް ކޮމިޝަނަށް ވައްދަާފައިވަނީ ޒިކުރާ މިސްކިތުގެ މަސައްކަތަށް އެސް.ޖޭ ކޮންސްޓްރަކްޝަންސް އާއި އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނިކޮށްކަމަށެވެ. އަދި އޭނާގެ މައްސަލައެއް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވަނީވެސް އެސް.ޖޭ. ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏެއްގެ އެއް ޑިރެކްތަރު ކަމަށްވާ ޝިހާދު އިބްރާހިމް ކަމަށްވެސް މުސްއަބު ވިދާޅުވިއެވެ. 

އަދި ޝިހާދު އިބްރާހިމް އެ މައްސަލަ ހުށަހެޅި ސިޓީ އެޑްރެސްކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަަންގެ މެމްބަރު ފާތިމަތު އާމިރާއަށް ކަމަށްވެސް މުސްއަބުގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެސިޓީގައި ވާގޮތުން ޝިހާދު އިބްރާހިމް ވަނި މުސްއަބު ސަސްޕެންޑް ކުރުމުގެ ހަފްތާއެއްގެ ކުރިން އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކަށްގުޅާ އޭނާ "ދުއްވާލާނެކަމަށް/ސަސްޕެންޑް ކުރާނެކަމަށް" ބުނެފައި ކަމަށް މުސްއަބު ތުހުމަތުކުރެވެއެވެ. 

މުސްއަބު މަޖިލީހުގެ ރައީސްއަށް ފޮނުވި ސީޓީގައި ބުނެފައިވަނީ، ރައިސް ޔާމީންގެ ސަރުކާރުގައި، އިސްލާމިކް މިނިސްޓްރ ޑރ. އަހުމަދު ޒިޔާދު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެސް.ޖޭ ކޮންސްޓްރަކްޝަންސްއަށް ޒިކްރާ މިސްކިތުގެ ޕްރޮޖެކްޓްދީފައިވާކަމަށެވެ. 

މުސްއަބު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ، އޭނާގެ މައްސަލައިގައި ފާހަގަކުރެވޭކަންކަން ހާމަކޮށް ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށާއިި، އޭސީސީގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހަށްވެސް ސިޓީ ފިނުވާފައިވާކަމަށެވެ. އެހެން ނަމަވެސް އޭގެން އެއްވެސް ފަރާތަކުން އެކަމުގެ ޖަވާބެއް އަދި ދެއްވާފައި ނުވާކަމަށް މުސްއަބު ބިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.