މިދިޔަ އޯގަސްޓް މަހުގެ 31 އިން ސެޕްޓެންބަރު 15 ގެ ނިޔަލަށް ޗައިނާގައި ކުރިއަށްދިޔަ ބާސްކެޓްބޯލް ވޯލްޑްކަޕްގެ ފައިނަލްގައި އާޖެންޓީނާ ބަލިކުރުމަށްފަހު ސްޕެއިނުން ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދީ ދެވަނަ ފަހަރެވެ. އެ ޓީމުން ވަނީ މީގެކުރީން 2006 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި 70-47 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގްރީސް ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދާފައެވެ.
މީގެއިތުރުން، މިއީ އާޖެންޓީނާ މި މުބާރާތުގެ ފައިނަލްގައި ކުޅެ ބަލިވި ދެވަނަ ފަހަރެވެ. އެ ޓީމުން 1950 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލްގައި 64-50 އިން އެމެރިކާ ބަލިކުރުމަށްފަހު އެ މުބާރާތް ކާމިޔާބުކުރިނަމަވެސް، އޭގެފަހުން 2002 ވަނަ އަހަރުގެ ފައިނަލްގައި އިތުރުވަގުތުގައި ކުޅެގެން 84-77 އިން ޔޫގޯސްލާވިއާ އަތުން ވަނީ ބަލިވެފައެވެ.
ބެއިޖިންގެ ލެސްޕޯޓްސް ސެންޓަރުގައި އިއްޔެ ކުޅެވުނު މި މެޗު ފެށިގެން މޮޅު ކުޅުމެއް ދައްކަމުންދިޔަ ސްޕެއިނުން ވަރަށް ފަސޭހަކަމާއެކު ފުރަތަމަ ކުއާޓާ ގެންދިޔައީ 23-14 އިންނެވެ. ނަމަވެސް، ދެވަނަ ކުއާޓާގައި އާޖެންޓީނާ އިން ފަރަގު ކުޑަކުރިއެވެ. އެގޮތުން، މި ކުއާޓާ ސްޕެއިނުން 20-17 އިން ގެންދިޔައިރު، ދެން ޖެހިގެން އައި ތިންވަނަ ކުއާޓާ ވެސް ހަތް ޕޮއިންޓްގެ ފަރަގަކާއެކު ގެންދިޔައީ 23-16 އިންނެވެ.
އެކަމަކު، ފައިނަލް މެޗުގެ ފަހު ކުއާޓާގައި އާޖެންޓީނާ އިން ތަފާތު ކުޑަކޮށް އުއްމީދު އާކުރިނަމަވެސް، ސްޕެއިނުން މި ކުއާޓާ 28-29 އިން ގެންގޮސް މެޗު ކާމިޔާބުކުރި 95-75 އިންނެވެ.
ސްޕެއިނަށް މި މުބާރާތް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ފައިނަލް މެޗުގެ އިތުރުން މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެމްވީޕީ އެވޯޑް ހާސިލްކުރި އިތުބާރު ޕޮއިންޓް ގާޑް، ރިކީ ރޫބިއޯ އެވެ. އޭނާ ވަނީ އިއްޔެގެ މެޗުގައި 20 ޕޮއިންޓާއެކު 7 ރީބައުންޑް ނަގާފައެވެ. އެ ޓީމުން ދެން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ 14 ޕޮއިންޓާއި، 7 ރީބައުންޑް އަދި 7 އެސިސްޓް ނެގި ތަޖުރިބާކާރު ސެންޓާ މާކް ގެސޯލް އެވެ. އަދި 11 ޕޮއިންޓާއެކު 10 ރީބައުންޑް ނެގި ކެޕްޓަން ރުޑީ ފެނާންޑޭޒްގެ ކުޅުން ފާހަގަކޮށްލެވެއެވެ.
އާޖެންޓީނާ އިން ފައިނަލް މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ގެބްރިއެލް ޑެކް 24 ޕޮއިންޓް ހަމަކުރިއިރު، މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ފޯވާޑް ލުއިސް ސްކޯލާ އަށް ހަމަކުރެވުނީ 8 ޕޮއިންޓާއި 8 ރީބައުންޑެވެ. ދެން އެ ޓީމުން އެންމެ ފާހަގަކޮށްލެވެނީ 17 ޕޮއިންޓް ހަމަކުރި ނިކޯ ލަޕްރޮވިޓޯލާ އެވެ.
މި މުބާރާތުގައި އިއްޔެ ކުޅެވުނު ބްރޯންޒް މެޑަލް މެޗުގައި ފްރާންސް ވަނީ 67-59 އިން އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދައި ވިދިވިދިގެން ދެވަނަ ފަހަރަށް ތިންވަނަ މަގާމް ހޯދާފައެވެ. ފްރާންސަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ނަންޑޯ ޑެ ކޯލޯ 19 ޕޮއިންޓް ހަމަކުރިއިރު، އޮސްޓްރޭލިއާ އިން ރަނގަޅު ކުޅުމެއް ދެއްކި ސްމޯލް ފޯވާޑް، ޖޯ އިންގަލްސް 17 ޕޮއިންޓާއެކު 5 ރީބައުންޑް ނެގިއެވެ.
އިއްޔެ ކުޅުނު މެޗުތަކަށްފަހު، މި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، ސްޕެއިންގެ ރޫބިއޯ އާއި ގެސޯލްގެ އިތުރުން އާޖެންޓީނާގެ ސްކޯލާ އާއި ފްރާންސްގެ ފޯނިއާ އަދި ސާބިއާގެ ބޮގްޑަން ބޮގްޑާނޮވިޗް އެވެ.