ދިވެހިރާއްޖޭގައި އިސްލާމްދީން އޮންނާތީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވާކަމަށް ޖުުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ތުހުމަތު ކުރައްވައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤާސިމް ވަނީ ރައީސް ނަޝީދަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. 

ޣިޔާސުއްދީން ސުކޫލުގައި ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާ ޤާސިމް ވިދާޅުވީ، ހާހެއްހާ އަހަރު ކުރިން ފެށިގެން ދިވެހިން ގަބޫލު ކޮށްގެން ތިބި އިސްލާމްދީނުގައި ސާބިތުވެ ތިބުމުން ކަންބޮޑުވާ ބޭފުޅަކު އުޅުއްވާ ކަމަށެވެ.

"އެކި ގޮތް ގޮތުން އަޅުގަނޑުމެންނަށް އިވެމުން މިދަނީ ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމްދީން މަތީގައި ގައުމު އޮވެގެން މި ކުރިއަށްދާ ދިއުމާމެދުގައި ބަޔަކު ކަން ބޮޑު ވެގެން އުޅޭކަން. މީހަކު ކަންބޮޑު ވެގެން އުޅޭކަން، މިއީ ވަރަށް ދެރަ ކަމެއް އިނގޭތޯ. އެ މީހަކީ ކާކުތޯ؟ އަޅުގަނޑު ކޮށި ކުޑަ ކޮށްލާފައި ގެންނަ ކަމަށް ވަންޏާ، ދަންނަވާކަމަށް ވަންޏާ އެއީ މިއަދު އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދު" ޤާސިމް ވިދާޅުވިއެވެ. 

ގައުމީ މަސްލަހަތު ގެއްލިގެންދާނެ ނުވަތަ ފިތުނަ ފަސާދަ އުފެދޭ ފަދަ ވާހަކަތައް އެއްވެސް ސިފައެއްގައި އެކަކުވެސް ދެއްކުމުގެ ފުރުސަތެއް ނެތް ކަމަށް ޤާސިމް ވިދާޅުވިއެވެ. އޮޅުވާލައިގެން ޥާހަކަ ދެއްކުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއްނޫންކަމަށް ވިދާޅުވެ ޤާސިމް ވަނީ ރައީސް ނަޝީދަކީ "ބުހުތާން" ދޮގު ހައްދަވާ ބޭފުޅެއްކަމަށް ތުހުމަތުކުރައްވާފައެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ނުސީދާކޮށް ރައީސް ސޯލިހަށް ފާޑުވިދާޅުވާކަމަށް ޤާސިމް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، ސަރުކާރު ގޯސްކުރަން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުންދާތަން ފެންނަ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.