ހައްޔަރުކުރި މީހަކަށް އަނިޔާކުރި، ޑްރަގް އެންފޯންސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުން ޑީމޯޓުކުރަން އެ އިދާރާގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނިކޮށް، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެ މައްސަލަ ފުލުހުންގެ އިސްތިއުނާފް ކޮމިޓީ އަށް ހުށަހަޅުއްވައިފި އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގު ކުރުމަށްފަހު ޑިސިޕިލިނަރީ ބޯޑުން ނިންމާފައިވަނީ ހަތް ފުލުހަކު ޑީމޯޓްކޮށް ވަޒީފާ އަދާކުރާ ޑިޕާޓްމެންޓް ބަދަލުކޮށް އަހުލާގީ ކުލަ އަދި މެޑަލް އަތުލުމަށެވެ.

ނަމަވެސް ބޯޑުގެ އެ ނިންމުން ބަދަލު ކުރުމަށް މިދިޔަ ބުދަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ އިސްތިއުނާފް ކޮމެޓީއަށް ހުށަހަޅުއްވާފަ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ނިންމި ނިންމުން ސީޕީ ހަމީދު އިސްތިއުނާފުކޮށްފައިވާކަމަށެވެ.

ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ޤަވާއިދުން ކޮމިޝަނަރ އޮފް ޕޮލިހަށް ލިބިދޭ ބާރުގެ ދަށުން، 11 ސެޕްޓެމްބަރު 2019ވަނަ ދުވަހު އެ މައްސަލަ ވަނީ އިސްތިއުނާފުކޮށްފަކަމަށާއި ސީޕީ އެދިލައްވާފައިވަނީ އެ މައްސަލަ އިސްތިއުނާފުކޮށް އިތުރަށް ބަލާ، މުރާޖާކޮށްދެއްވުމަށް ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

އަދި މިވަގުތު މި މައްސަލަ އޮތީ ފުލުހުންގެ އިސްތިއުނާފު ކޮމިޓީގައިކަމަށްވެސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.