ކޮންމެ ރައްޔިތެއްގެ ކޮންމެ ޙައްޤެއް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ދެއްވި ޚިޠާބުގައި ވިދާޅުވީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޤައުމުގެ ކަންކަން ބަދަލުވެފައިވާއިރު، މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، އިންސާނީ ޙައްޤުތަކާއި، އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުން ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށެވެ. ޢަދުލުވެރިކަމާއި ހާމަކަމާއެކު، އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ނަގަހައްޓައިދިނުމަށްވެސް ރައީސް ސޯޅިހު ވިދާޅުވިއެވެ. އަދި ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ޙައްޤު ރައްކާތެރި ކޮށްދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

" އޭގެ ތެރެއިންވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށް" ރައީސް ވިދާޅުވިއެވެ.

ޑިމޮކްރެސީ ސިފަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ޑިމްކޮރަސީގެ އެންމެ ކުރު ތަޢާރަފަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުމާއި ވެރިކަން ކުރުމެވެ. އެހެންކަމުން މި ޙަޤީޤަތަށް ބަލާއިރު، ޤައުމުގެ ކަންކަން ކަނޑައެޅުމުގައި، ރައްޔިތުން ބައިވެރިވުމަކީ ކިހާ މުހިންމު ކަމެއްކަން، މިދިޔަ މަދު އަހަރުތަކުގައި، އެންމެންވެސް ވަރަށް ގާތުން ތަޖުރިބާކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އަސާސީ އެތައް ޙައްޤެއް ނިގުޅައިގަނެ، އެތައް މިނިވަންކަމެއް ހިފެހެއްޓުމުން، ޤައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަންކުރެވިއްޖެކަމަށާއި ދައުލަތް ހިންގުމުގެ ނިޒާމު ފާލުން ނެއްޓި، މުއައްސަސާތައް ބަލިކަށިވެ، އެކަންކަމުގެ ގެއްލުންވެސް އިޙްސާސް މީގެ ދިވެހި ރައްޔިތުން ކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއެކު، ޑިމޮކްރެސީގެ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމުން، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާ ގޮތްވެސް، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ޢަމަލީ ގޮތުން ތަޖުރިބާކުރެވިއްޖެކަމަށެވެ.

ޑިމޮކްރެސީއަކީ ރައްޔިތުން އެދޭ ގޮތަށް ޤައުމުގެ ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުން އެދޭ ގޮތްތައް ކަނޑައެޅިފައި ހުރީ، ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކުރަހައިދޭ އިމުގެ ތެރޭގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ވެރިކަމަކީ ޤާނޫނުގެ ވެރިކަންކަމަށާއި ޤައުމުގެ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއެއްމެ، ޤާނޫނަށް ބޯލަނބައި ކިޔަމަން ވާންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ރައްޔިތުންގެ ކޮންމެ ފަރުދަކުމެ، އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.