ސްޕެނިޝް ލީގުގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި ބާސެލޯނާ މޮޅުވިއިރު އެތުލެޓިކޯ މެޑްރިޑް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ލެވާންޓޭ އަތުން 3-2 އިން ރެއާލް މޮޅުވިއިރު، ބާސެލޯނާ ވަނީ ފަސޭހަކަމާއެކު 5-2 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފައެވެ. މީ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެތުލެޓިކޯ ވަނީ ރަށުންބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 2-0 ބަލިވެފައެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެފަހުން ވިޔާރެއާލްއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ގަރެތު ބޭލް އަށް ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ނުކުޅެވޭއިރު، އަނިޔާގެ ސަބަބުން ކްރޮއޭޝިއާގެ މިޑްފީލްޑަރު ލުކާ މޮޑްރިޗް ނުކުޅެއެވެ.

ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މި މެޗުގެ ފުރަތަމ ހާފުގައި ރެއާލުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން، މެޗުގެ 25 ވަނަ މިނެޓުގައި ކަރީމް ބެންޒެމާގެ ގޯލުން އެ ޓީމުން ލީޑްނެގިއިރު، އޭގެ ހަ މިނެޓުފަހުން ބެންޒެމާ ވަނީ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. 

މި މެޗުގައި ރެއާލުން ކާމިޔާބުކުރި ތިންވަނަ ލަނޑު، މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ޖަހައިދިންއިރު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަރަކަށް މިނެޓުގެ ތެރޭގައި ކުރީން ރެއާލަށް ކުޅުނު ފޯވާޑް ބޯރްހާ މަޔޮރާލް ވަނީ ލެވާންޓޭގެ ފުރަތަމަ ލަނޑުޖަހައިދީފައެވެ. 

އޭގެފަހުން، މެޗު ނިމެން ފަނަރަ މިނެޓަށްވެފައިވަނިކޮށް ގޮންޒާލޯ މެލޭރޯ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މި ފަހަރުގެ ސީޒަނަށް ރެއާލުން ބޮޑު އަގުގައި ގެނައި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ވަނީ ރޭގެ މެޗުގެ ފަހު ހާފުގައި ކުޅެން ނިކުމެފައެވެ. ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ ތިން މެޗުގައި އަނިޔާގެ ސަބަބުން އޭނާ އަށް ނުކުޅެވުނެވެ.

އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާ ވަނީ ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ދެލަނޑުގެ ލީޑެއް ނަގާފައެވެ. ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މި މެޗުގެ ދެވަނަ މިނެޓުގައި ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީގެ ގޯލުން ލީޑްނަގާފައިވާއިރު، އޭގެ ފަސް މިނެޓުފަހުން އެ ޓީމުގެ ދެވަނަ ލަނޑު، ފްރެންކީ ޑި ޔޮން ކާމިޔާބުކުރިއިރު މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އުމުރުން 16 އަހަރުގެ ފާޓީ އެވެ. މި ދެލަނޑަށްފަހު ގިނީ ބިސާސޫ އަށް އުފަން ފާޓީ ވެފައިވަނީ ލަލީގާގެ މެޗެއްގައި ލަނޑު ޖަހައި އެސިސްޓް ކުރި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން، ވެލެންސިއާގެ ފްރާންސް ފޯވާޑް ކެވިން ގަމެއިރޯގެ ގޯލުން އެ ޓީމު ފަރަގު ކުޑަކުރިނަމަވެސް، ފަހު ހާފުގައި ކުޅެން ނިކުތް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވައްދާލި ހިތްގައިމު ދެލަނޑާއި، ޖެރަޑް ޕީކޭގެ ގޯލުން ބާސެލޯނާ ތަފާތު ބޮޑުކުރިއެވެ. ވެލެންސިއާގެ ފަހުލަނޑު، މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ މެކްސިމިލިއާނޯ ގޯމޭޒް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި، އެތުލެޓިކޯ ވަނީ ސޮސިއެޑާޑް އަތުން ބަލިވެފައެވެ. މި މެޗުގައި ސޮސިއެޑާޑުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މާޓިން އޮޑެގާޑް އާއި ނަޗޯ މޮންރެއާލް އެވެ.

ރޭގެ ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި އުޅޭ އެތުލެޓިކޯ އަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް އާއި އެތުލެޓިކް ބިލްބާއޯ އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ބާސެލޯނާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.