އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މިފަހަރު އަލަށް ޕްރޮމޯޓުވީ ނޯވިޗް ސިޓީ އަތުން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިވުމުން، ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ފަސް ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ.

ނޯވިޗްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީ މައްޗަށް 3-2 އިން އެ ޓީމުން ކުރިހޯދިއިރު، ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ.

ރޭގެ މެޗަށް ނޯވިޗުން ނިކުތްއިރު އަނިޔާގެ ސަބަބުން އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ 10 ކުޅުންތެރިއެއް ނުކުޅެއެވެ. މީގެއިތުރުން، ސިޓީން ރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ ޑިފެންސްލައިންގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އައިމެރިކް ލަޕޯޓް ނުލައެވެ.

ނޯވިޗްގެ ކެރޯ ރޯޑްގައި ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ އެމިލިއާނޯ ބުއެންޑިއާ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކެނީ މެކްލީން ލީޑް ނަގައިދިންއިރު، އޭގެ ދިހަ މިނެޓުފަހުން ޓޮޑް ކޭންޓްވެލް ކާމިޔާބުކުރި ގޯލާއެކު ނޯވިޗުން ވަނީ ސިޓީ ސިއްސުވާލައިފައެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ސާޖިއޯ އަގުއޭރޯ ވައްދާލި ގޯލުން ސީޓީ ފަރަގު ކުޑަކުރިއެވެ. ނަމަވެސް، ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ޓީމު ޕުކީ ޖެހި ގޯލާއެކު ނޯވިޗުން ތިން ޕޮއިންޓް ކަށަވަރުކުރިއެވެ. އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސިޓީގެ ރޮޑްރީގޯ ވަނީ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ނިއުކާސަލް އެވެ. މެޗުގެ ހަތްވަނަ ލިވަޕޫލްގެ ޑިފެންސްލައިންގެ ކުޅުންތެރިން ނުވިސްނާ ތިބި ދަނޑިވަޅެއްގައި ނިއުކާސަލްގެ ޖެޓްރޯ ވިލެމްސް ކާމިޔާބުކުރި ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް ލިވަޕޫލަށް އެއްވަރުކޮށްދިނީ އެންޑްރޫ ރޮބަޓްސަން ދިން ބޯޅައަކުން ސަޑިއޯ މާނޭ އެވެ. 

މި މެޗުގައި ފުރަތަމަ ފަހަރަށް ލިވަޕޫލަށް ލީޑްނަގައިދިނީ މި ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް މާނޭ އެވެ. މިއީ ލިވަޕޫލްގެ ޑިވޮކް އޮރީގީ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުގައި ކުޅެން ނިކުތް ރޮބާޓޯ ފިރްމީނޯ ޖައްސާލަ ބޯޅަ ނިއުކާސަލްގެ ކީޕަރު މާޓިން ޑުބްރާވްކާ ދިފާއުކުރަން އުޅުމުގެ ތެރޭގައި މާނޭ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ހާފުގައި ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ފިރްމީނޯ ދިން ރީތި ޕާހަކުން މުހައްމަދު ސަލާހު އެވެ.

ވުލްވްސްގެ މޮލިނިއުގައި ރޭ ކުޅުނު މެޗުން 5-2 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވިއިރު، ޓެމީ އެބްރަހަމް ވަނީ ހެޓްރިކެއް ހަދާފައެވެ. މީގެއިތުރުން، އެބްރަހަމް އަތުން ބައިކޮޅަށް ގޯލެއް ވަދެފައިވާއިރު، ޗެލްސީގެ އަނެއް ދެލަނޑުޖަހައިދިނީ ފިކާޔޯ ޓޮމޯރީ އާއި މޭސަން މައުންޓް އެވެ. ވުލްވްސްގެ ފަހު ލަނޑުޖަހައިދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް އިޓަލީގެ ފޯވާޑް ޕެޓްރިކް ކުޓްރޯނޭ އެވެ.

ލީގުގެ ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި 1-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. އަމިއްލަ ދަނޑުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު 4-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ރޭގެ މެޗުގައި އެ ޓީމަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ސޮން ހެއުން މިން ދެލަނޑުޖެހިއިރު، އެރިކް ލަމެލާގެ އިތުރުން އަނެއް ލަނޑަކީ ޕެލަސްގެ ޕެޓްރކް ވެން އާންހޯލްޓް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު، ލީގު ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލަށް ފަސް މެޗުން ސައްތައިގެ ރެކޯޑަކާއެކު 15 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސިޓީ އެވެ. ތިންވަނައިގައި އޮތް ސްޕާސް އާއި ހަތަރުވަނައިގައި އޮތް ޔުނައިޓެޑްގެ އިތުރުން ލެސްޓާ އާއި ޗެލްސީ އަށް ވެސް ލިބިފައިވަނީ އަށް ޕޮއިންޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.