ފުލުހުންނަކީ އަބަދުވެސް ނަމޫނާ ބައެކެވެ. އެހެން މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި އަމިއްލަ ނަފްސު ނުރައްކަލަކަށް ވައްޓާލަންވެސް ފުލުހުން ފަހެއް ނުޖެހޭނެއެވެ. އެކަން ފުލުހުންގެ ޒަމާންވީ މާޒީ ހެކިދޭނެއެވެ. ފުލުހުންނަކީ އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން އާއްމުންގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދޭ ބައެކެވެ. އެގޮތުން މިއަދުވެސް މިވަނީ ފުލުހެއްގެ ހުށިޔާރުކަން ދިވެހީންނަށް ފެނިގެން ގޮސްފައެވެ. މިއަދު ފެނިގެން ގޮސްފައިވަނީ ފުލުހަކު ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްދިން މަންޒަރެވެ.

ޕޮލިސް، ސްޓާފް ސާޖަންޓު މުހައްމަދު ލަތީފާއި އޭނާގެ އަންހެނުން އެމީހުންގެ ރައްޓެއްސެއްގެ ގެއަށް ދިޔައީ އާދައިގެ މަތިން ކޮށްލާ ޒިޔާރަތެއްގައެވެ. އެެގެެއަށް ދިޔައިރު ލަތީފަށް ފެނުނީ ދެ އަހަރުގެ ކުއްޖަކު އެގޭ ގޯތި ތެރޭގައި ހަދާފައިހުރި ފެންގަނޑެއްގެ ތެރޭގައި އޮއްވައެވެ. އޭރު ކުއްޖާގެ މަންމަ އެކުއްޖާ ވީ ތަނެއް ނޭނގިގެން ހޯދަމުން ދެއެވެ.

ލަތީފަށް އެ ތުއްތު މައުސޫމް ކުއްޖާ ފެނުނު އިރު އޮތީ ފެންގަނޑުގެ އަޑީގައެވެ. ވަގުތުން ކުއްޖާ ނަގައިގެން އޭނާގެ އަންހެނުންގެ އެހީތެރިކަމާއެކު ސައިކަލުގައި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ. އެއިރު ކުއްޖާގެ ހާލު ސީރިއަސްއެވެ.

އެކުއްޖާއަށް މިހާރު ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. ލަތީފް އެވަނީ އެ ކުއްޖާ ގެނބިގެން މަރުވުމުގެ ކުރިން ކުއްޖާގެ ފުރާނަ ސަލާމަތް ކޮށްދީފައެވެ. ލަތީފުގެ އެ އަމަލަށް ގިނަ ދިވެހީން ދަނީ މީސް މީޑިޔާގެ އެކި މަންސަތަކުގައި ތައުރީފު ކުރަމުންނެވެ. ތެދެކެވެ. ލަތީފަށް ތައުރީފު ހައްޤެވެ. ޝުކުރުވެސް ހައްޤެވެ. ދުޢާ އަކީ މި ނުރައްކާތެރި ހާދިސާގައި ހާލު ސީރިއަސްވި ތުއްތު ކުއްޖާއަށް އަވަސް ޝިފާއެއް މާތްﷲ މިންވަރުކުރެއްވުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.