ޔޫރަޕްގެ ވަރުގަދަ އެތައް ކުލަބަކަށް ކުރީން އިރުޝާދު ދިން ޕޯޗުގަލް ކޯޗު ހޯސޭ މޮރީނިއޯ ވަނީ އޭނާ މޮޅު ކޯޗަކަށްވުމުގައި ބާސެލޯނާ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ ފަދަ މޮޅު ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑުކަމަށް ބުނެފައެވެ.

މޮރީނިއޯ ބުނީ އޭނާގެ ކޯޗިން ކެރިއަރުގައި މެސީއާ ދެކޮޅަށް ނިކުންނަ މެޗުތަކުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުންތައް ލިބިފައިވާކަމަށެވެ. ހާއްސަކޮށް އެ ފަދަ ކުޅުންތެރިއަކު ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެތައް ގޮތަކުން ވިސްނަންޖެހޭކަމަށްވެސް މޮރީނިއޯ ފާހަގަކުރިއެވެ.

އެގޮތުން، މޮރީނިއޯ ފާހަގަކުރި ގޮތުގައި މެސީ ހިމެނޭ ފޯވާޑްލައިނަކާ ދެކޮޅަށް އޭނާގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމުތަކުން ތައްޔާރުވުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް އެއްފަހަރަށް ވުރެ ގިނަ ފަހަރު އެކަން ތަޖުރިބާކޮށްފައިވާކަމަށާއި، އޭނާ މިހާރު ހުރި މަގާމަށް އާދެވުނީ މެސީ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިންނާ ދެކޮޅަށް ޓީމުގެ ރޭވުންތެރިކަން އެންމެ ރަނގަޅަށް ބިނާ ކުރެވުމުން ކަމަށެވެ.

"އަހަރެން އަބަދުވެސް ބުނާ ވާހަކަ އަކީ، އަހަރެންނަށް ލިބޭ ކުރިއެރުމުގެ ހުރިހާ ޝުކުރަކާއި ތައުރީފު ހައްގުވަނީ ކުޅުންތެރިންނަށް ކަމަށް. އޭގައި ހިމެނެނީ މުޅީން އަހަރެންގެ އިރުޝާދުގެ ދަށުން ކުޅޭ ކުޅުންތެރިން އެކަންޏެއް ނޫން. އިދިކޮޅު ޓީމުގެ ކުޅުންތެރިންވެސް އޭގައި މުހިއްމު ދައުރެއް އަދާކުރޭ." މޮރީނިއޯ ބުންޏެވެ.

ކުރީން ރެއާލް މެޑްރިޑާއި ޗެލްސީގެ އިތުރުން އިންޓަ މިލާނާއެކު މޮރީނިއޯ ވަނީ މެސީ ހިމެނޭ ބާސެލޯނާއާ ދެކޮޅަށް މިހާތަނަށް 27 މެޗެއްގައި ނިކުމެ، ދިހަ މެޗުން ބަލިވިއިރު މޮޅުވެވިފައިވަނީ އަށް މެޗުންނެވެ. ނުވަ މެޗުން ވަނީ އެއްވަރުވެފައެވެ. އެގޮތުން، މީގެތެރެއިން ފަސް މެޗުން މޮޅުވެފައިވަނީ ރެއާލްއާ އެކު ހޭދަކުރީ ދުވަސްވަރުގައެވެ.

"މިސާލަކަށް ބަލަމާ، މެސީ. އަހަރެން ރެއާލްގައި ހޭދަކުރީ ދުވަސްވަރަކީ ބާސެލޯނާ އެންމެ ގަދައަށް ދުނިޔޭގެ ފުޓްބޯޅައިގައި ވިދުން ގަދަވި ދުވަސްތައް. އޭރު، މެސީއާ ދެކޮޅަށް ޓީމުގެ ރޭވުންތެރިކަން ބިނާ ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު. މިހާރު އަހަރެން މިހުރި މަގާމަށް އާދެވުނީ މެސީ ފަދަ މޮޅެތި ކުޅުންތެރިންގެ ސަބަބުން." މޮރީނިއޯ ބުންޏެވެ.

މީގެއިތުރުން، ސްޕެނިޝް ލީގުގައި މިހާރު ކުރިއަށްދާ ސީޒަނާ ބެހޭގޮތުން މޮރީނިއޯ ބުނީ އެތުލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު އެންޓޮއިން ގްރީޒްމަން ވިއްކާލުމަށްފަހު އެ ޓީމުން ވަރަށް ރަނގަޅަށް އިންވެސްޓްކޮށްފައިވާ ކަމަށާއި، އޭނާ ދޫކޮށްލުމަށްފަހު އެ ޓީމަށް ގެނައި ބަދަލުތަކާއެކު ވެސް އެއީ ކުރިއަރަމުން އަންނަ ޓީމެއްގެ ބަދަލުގައި މިހާރު އެއީ ޔޫރަޕްގެ ގަދަބާރެއްގެ ގޮތުގައި ގުނަންޖެހޭ ފަދަ ކްލަބެއް ކަމަށެވެ.

މޮރީނިއޯ ބުނީ ސްޕެއިނުގެ އޭނާ ހޭދަކުރީ އުފާވެރި ދުވަސްތަކެއް ނަމަވެސް އެހުރިހާ ކަމަކަށް ހިޔަނިއެޅުނީ ބާސެލޯނާ އިން ޑޮމިނޭޓްކުރަމުން ދިޔަ ދުވަސްވަރަކަށް ވުމުންކަމަށެވެ. އަދި ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށްފަހު އެންމެ ރަނގަޅު ކާމިޔާބީތައް ރެއާލް އާއެކު ނުލިބުނު ކަމަށާއި، ދިރިއުޅުމުގައި އެފަދަ ދުވަސްތައް ވެސް އަންނާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.