އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އިންގްލެންޑްގެ ވިންގާ ރަހީމް ސްޓާލިންއާ އަޅާނުކިޔުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގޮވާލައިފިއެވެ.

ގާޑިއޯލާ ބުނީ އާ ސީޒަނުގައި މިހާތަނަށް ސްޓާލިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފިކަމަށާއި، އެހެންނަމަވެސް މެސީ އާއި ރޮނާލްޑޯގެ ލެވެލްގެ ކުޅުންތެރިއެއްކަމަށް ބުނެ އިނގިރޭސި މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ނުދިނުމަށް ސްޓާލިންގެ ކިބައިން އެދިފައިވެއެވެ.

ފަހަކަށް އައިސް ސްޓާލިންގެ ލަނޑުޖެހުމުގެ ރެކޯޑް ވަރަށް ބޮޑުތަން ރަނގަޅުވެފައިވާއިރު، އެކަމާ ގުޅޭގޮތުން މީޑިއާގައި ތަފާތު އެކި ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެގޮތުން، އިނގިރޭސި ގައުމީ ޓީމާއެކު ޔޫރޯ ކޮލިފައިންގައި ކޮސޯވޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ސްޓާލިން ވަނީ އޭނާގެ އަމާޒަކީ ގިނަ ގޯލްތަކެއް ޖަހައި، ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއަކަށްވުން ކަމަށެވެ. އަދި އެކަންތައް އޭނާ އަށް ހާސިލްކުރެވެން އޮތީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ މެސީ އާއި ރޮނާލްޑޯ ފަދައިން މެދުކެނޑުމެއްނެތި ކޮންމެ ސީޒަނަކުވެސް ގިނަ ގޯލްތަކެއް ކާމިޔާބުކުރަމުން ދިއުން ކަމަށެވެ.

ގާޑިއޯލާ ބުނީ މެސީ އަދި ރޮނާލްޑޯއާ އަޅާކިޔޭ ފެންވަރުގެ ކުޅުންތެރިއެއް މިވަގުތު ދުނިޔޭގައި ނެތް ކަމަށާއި، ސްޓާލިންގެ އިތުރުން ކޮންމެ ކުޅުންތެރިއަކުވެސް އެ ފެންވަރަށް ދާން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި ސްޓާލިންގެ ފަރާތުން ފަހަކަށް އައިސް ފެންނަމުންދާ މޮޅު ކުޅުމަށް ގާޑިއޯލާ ވަނީ ތައުރީފްކޮށްފައެވެ.

"ސްޓާލިން ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އަހަރެން ވަރަށް އުފާވެ. އެކަމަކު، މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ސަމާލުކަން ނުދިނުމަށް އެދެން." ގާޑިއޯލާ ބުންޏެވެ.

މީގެއިތުރުން، ގާޑިއޯލާ ވަނީ ސިޓީއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ބެހޭގޮތުންވެސް ވާހަކަދައްކާފައެވެ. އެގޮތުން، ގާޑިއޯލާ ބުނީ އެ ޓީމަށް ކުޅެމުން އަންނަ އައިމެރިކް ލަޕޯޓްގެ ކަކުލު ހުޅަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން މަދުވެގެން ފަހެއް ނުވަތަ ހަ މަސްދުވަސް ވަންދެން ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށާއި، އެ ޓީމުގައި ތިބި ޑިފެންޑަރުންނާއެކު ލަޕޯޓް ނެތްތަން ފޫބެއްދޭނެކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފުލްބެކް ބެންޖަމިން މެންޑީ ވަރަށް އަވަހަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށާއި، އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް ވެސް އަނިޔާއަށްފަހު ޓީމާ ގުޅިފައިވާކަމަށެވެ.

ލީގުގައި ސިޓީ އަށް ދެން އޮތީ މިފަހަރުގެ ސީޒަނަށް އަލަށް ޕްރޮމޯޓުވީ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ނޯވިޗްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 21:30 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.