ރާއްޖޭގައި އުމުރުން 13 އަހަރާއި 14 އަހަރުގެ ކުދިން މަސްތުވާ ތަކެތީގެ ޝިކާރައަކަށްވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލުގެ 2018 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ސަމާލުވާން ޖެހޭ ކަމަށެވެ.

"ސްކޫލުތަކުގެ ހުރިހާ ބޭފުޅުން އަދި ހުރިހާ ބެލެނިވެރިން މިކަމާ ފުންކޮށް ވިސްނަވާ. ގްރޭޑު ހަތެއް، އަށެއްގެ ކުދިން މަސްތުވާތަކެތީގެ ތެރެއަށް ވަދެ، އޭގެ ޝިކާރައަކަށް ވެގެންދާ މަންޒަރު ފެނުމަކީ އަޅުގަނޑުމެންގެ ހިތަށް ކެތްވާވަރުގެ ކަމެއް ނޫން،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތައުލީމީ ރޮނގުންނާއި އެހެނިހެން ދާއިރާތަކުން ދިވެހިން ހޯދާފައިވާ ކުރިއެރުންތަކާ މެދު އުފާކުރައްވާ ކަމަށާއި، ނަމަވެސް ހިތާމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ.

މިނިސްޓަރ އިމްރާން ވަނީ ރާއްޖޭގެ އެތައް ހާސް ޒުވާނުންނެއް ތަފާތު ވަބާތަކުގައި ޖެހި، ކުށުގެ ވެއްޓަށް ހުށަހެޅެމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން އާހިރުގައި ޤައުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ހާއްސަކޮށް ޑްރަގްގެ ނުބައި ވަބާގައި ޖެހި އޭގެ ޝިކާރައަކަށްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި އެތައް ކުށްތަކަކަށް ގޮސް އޭގެ ޝިކާރައަކަށްވެ ހިނގަމުންދާ ހާދިސާތަކަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ގައުމަށް ނުރައްކާތެރި ކަމެއް،" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެ ދަތުރުކުރަމުން އަންނަނީ ވަރަށް ނުރައްކާތެރި މިސްރާބަކާއި ދިމާލަށްކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި ރާއްޖެ ދަތުރުކުރަމުން މިދަނީ، މިސާލަކަށް މީގެ ދިހަ ވަރަކަށް އަހަރު ކުރިއަށް ބެލި ނަމަވެސް، އަދި ދަތުރު ކުރަމުން މިދަނީ ހަމަ ނުރައްކާތެރި މިސްރާބަކާ ދިމާލަށް. އަޅުގަނޑުމެން ކެނޑިނޭޅި ރެޔާ ދުވާލު މަސައްކަތް އެބަ ކުރަން މިކަންކަމުން ސަލާމަތްކުރެވެން ހުރި ހުރިހާ ގޮތަކަށް،" މިނިސްޓަރު ވިދާޅުވިއެ

މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.