މިހާރު ޗައިނާގައި ކުރިއަށްދާ ފީބާ ބާސްކެޓްބޯލް ވޯލްޑްކަޕްގެ ފައިނަލުން އާޖެންޓީނާ އާއި ސްޕެއިން ޖާގަ ހޯދައިފިއެވެ.

އާޖެންޓީނާ އިން ސެމީގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗު 80-66 އިން ކުރިހޯދައިގެން ފައިނަލަށް ދަތުރުކުރިއިރު، މި މުބާރާތުގެ ފޭވަރިޓެއްކަމަށްވާ ސްޕެއިނުން ފައިނަލުން ޖާގަ ހޯދީ 95-88 އިން އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރި ތިންވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން 1950 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލްގައި 64-50 އިން އެމެރިކާ ބަލިކުރުމަށްފަހު އެ މުބާރާތް ކާމިޔާބުކުރިނަމަވެސް، އޭގެފަހުން 2002 ވަނަ އަހަރުގެ ފައިނަލްގައި އިތުރުވަގުތުގައި ކުޅެގެން 84-77 އިން ޔޫގޯސްލާވިއާ އަތުން ވަނީ ބަލިވެފައެވެ.

ޔޫރަޕްގެ ގަދަބާރެއްކަމަށްވާ ސްޕެއިނުން މިއީ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އެ ޓީމުން ވަނީ މީގެކުރީން 2006 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި 70-47 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގްރީސް ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދާފައެވެ.

ބެއިޖިންގެ ލެސްޕޯޓްސް ސެންޓަރުގައި އިއްޔެ ކުޅެވުނު މި މެޗަށް އެމެރިކާ އަތުން ހޯދީ މޮޅާއެކު ފްރާންސުން ވަރަށް ބޮޑު އިތުބާރަކާއެކު ނިކުތްނަމަވެސް، މެޗު ފެށިގެން މޮޅު ކުޅުމެއް ދައްކަމުންދިޔަ އާޖެންޓީނާގެ ކުޅުންތެރިން ހުއްޓުވުމުގައި ފްރާންސްގެ ޑިފެންސިވް ކުޅުންތެރިންނަށް ކާމިޔާބުވާގޮތެއްނުވިއެވެ. ހާއްސަކޮށް އެމެރިކާގެ އެންބީއޭގައި ނުވަ އަހަރު ކުޅެފައިވާ އާޖެންޓީނާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ލުއިސް ސްކޯލާ ހުއްޓުވުމުގައި ފްރާންސް ޓީމަށް އުނދަގޫތައް ކުރިމަތިވެފައިވެއެވެ. އޭގެނަތީޖާއެއްގެ ގޮތުން، އާޖެންޓީނާ އިން ވަނީ ވަރަށް ފަސޭހަކަމާއެކު 21-18، 18-14 އަދި 21-16 އިން ފުރަތަމަ ތިން ކުއާޓާ ގެންގޮސްފައެވެ.

ފަހު ކުއާޓާގައި، ކޮންމެވެސް ވަރަކަށް ފްރާންސުން ކޮންޓްރޯލް އަތުލަން މަސައްކަތްކުރި ނަމަވެސް، އާޖެންޓީނާގެ ސްކޯލާ ފުލުފުލުގައި ވައްޓާލި ދެ ތްރީ ޕޮއިންޓާއެކު އެ ޓީމުން 20-18 އިން ކުރިހޯދައި މެޗު ކާމިޔާބުކުރިއެވެ. މި މެޗުގައި ފްރާންސަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ރުޑީ ގޯބެއާ އަށް އާޖެންޓީނާގެ ޑިފެންސް ކައިރީގައި މާބޮޑު ކަމެއް ނުކުރެވުމެވެ. އެގޮތުން، މި މެޗު ގޯބެއާ ނިންމާލީ އެންމެ ތިން ޕޮއިންޓާއެކުގައެވެ. ނަމަވެސް، އޭނާ ވަނީ 11 ރީބައުންޑް ނަގާފައެވެ. އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އިވާން ފޯނިއާ އާއި ފްރޭންކް ޓިލިކީނީ ކުރެން ކޮންމެ ކުޅުންތެރިއަކު 16 ޕޮއިންޓް ހަމަކުރިއެވެ.

މި މެޗުން އާޖެންޓީނާ މޮޅުކޮށްދިނުމުގައި މުހއްމު އަދާކުރި އުމުރުން 39 އަހަރުގެ ސްކޯލާ ވަނީ 28 ޕޮއިންޓާއެކު 13 ރީބައުންޑް ނަގާފައެވެ. މީގެއިތުރުން، 12 ޕޮއިންޓް ހަމަކުރި ފަކުންޑޯ ކަމްޕާޒޯ އާއި 13 ޕޮއިންޓް ހޯދި ގެބްރިއެލް ޑެކްގެ ކުޅުން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ސެމީގެ އަނެއް މެޗުގައި ސްޕެއިނުން ވަނީ އޮސްޓްރޭލިއާ އާ ދެކޮޅަށް ފޯރިގަދަ ކުޅުމަކަށްފަހު އިތުރުވަގުތުގެ ދެ ކުއާޓާ އަށް ފަހު މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ކުއާޓާ ވެސް ވަރަށް އެއްވަރުގެ ކުޅުމަކަށްފަހު ސްޕެއިނުން ގެންދިޔައީ 22-21 އިންނެވެ. ނަމަވެސް، ދެވަނަ ކުއާޓާގައި ތަފާތު ދައްކައި އޮސްޓްރޭލިއާ ވަނީ 16-10 އިން ކުރިހޯދާފައެވެ.

އެކަމަކު، ދެން ޖެހިގެން އައި ތިންވަނަ ކުއާޓާގައި 19-18 އިން ސްޕެއިން ކުރިހޯދިނަމަވެސް، ހަތަރުވަނަ ކުއާޓާ ނިމެންދިޔައިރު ކާމިޔާބުކުރި ޕޮއިންޓްތަކާއެކު އެ ޓީމުން 71-70 އިން ކުރީގައި އޮއްވާ އޮސްޓްރޭލިއާ މޮޅުކޮށްދިނުމަށް ޕޮއިންޓް ގާޑް، ޕެޓީ މިލްސް އަށް ލިބުނު ދެ ފްރީ ތްރޯގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ފްރީ ތްރޯއެކެވެ.

އެއާއެކު، ހަތަރުވަނަ ކުއާޓާ 71-71 އިން އެއްވަރުވެގެން ނިމުމުން ދެން ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ކުއާޓާވެސް 9-9 އިން ވީ އެއްވަރެވެ. ދެން އެއަށްފަހު، ޖެހިގެން އައި އިތުރުވަގުތުގެ ދެވަނަ ކުއާޓާގައި ސްޕެއިނުން ވަނީ އޮސްޓްރޭލިއާގެ ކުޅުންތެރިން ވަރުބަލިވުމުގެ ފައިދާނަގައި 15-8 އިން ކުރިހޯދައި 95-88 ގެ ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ.

ސްޕެއިނަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ 33 ޕޮއިންޓާއެކު ހަ ރީބައުންޑް ނެގި ސެންޓާ، މާކް ގެސޯލް އާއި 19 ޕޮއިންޓާއި 12 އެސިސްޓް ހަމަކުރި ޕޮއިންޓް ގާޑް ރިކީ ރޫބިއޯ އަދި 17 ޕޮއިންޓް ހަމަކުރި ސާޖިއޯ ލުލް އެވެ. އޮސްޓްރޭލިއާ އިން މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހަމަކުރި މިލްސް އެވެ.

އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗުގައި ސްޕެއިނާ ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު، ހަމަ އެ ދުވަހު ކުޅެވޭ ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ފްރާންސްއާ އޮސްޓްރޭލިއާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *