އާއިލާއެއްގެ ފެށުމަކީ ސަރުޢީ ކައިވެންޏެވެ. ކައިވެނިކޮށްގެން އެ ދެމެފިރިންނަށް ލިބޭ ދަރިންނަކީ އެ އާއިލާއަށް އިތުރުވާ މެންބަރުންނެވެ. ދުޅަހެޔޮ އާއިލާއަކީ އެ އާއިލާއެއްގައި އެތަކެއް ކަމެއް ހިމެނޭ އާއިލާއެކެވެ. އެއާއިލާގައި ކިލަނބު ކަމެއް ނުވެއެވެ. އާއިލީ ހަމަނުޖެހުންތަކެއް ނުފެންނާނެއެވެ. ފެންނާނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އެކުވެރިކަމާއި، ކުލުނާއި އެއްބައިވަންތަ ކަމެކެވެ. އޯގާތެރިކަމުގެ ލާމަސީލު މިސާލެވެ. މިހެން ގޮސް ކިތަންމެ ބައިވަރު ސިފައެއް ދުޅަހެޔޮ އާއިލާއަކުން ފެންނާނެއެވެ. ނަމަވެސް މި ހުރިހާ ކަމަކަށް ވުރެ ހާއްސަ، އަދި މުހިންމު ކަމެއްވެއެވެ. އެއީ އާއިލާގެ މެންބަރުން އެމީހުންގެ "ޒިންމާ އުފުލުމެވެ.

އާއިލާއެއްގެ މައި ތަނބަކީ އެއާއިލާގެ އެންމެ އިސް ފިރިހެނާއެވެ. އާދެ "ބައްޕަ"އެވެ. އާއިލާގެ ހަރަދު ބަރަދު ބެލެހެއްޓުމުގެ ބޮޑު މަސްއޫލިއްޔަތު އެޅިފައި އެ އޮންނަނީ އެ ބައްޕަގެ ބޮލުގައެވެ. ބުރަކޮށް މަސައްކަތް ކޮށްގެން އެ ބައްޕަ އެވަނީ ހާދަހާވާ ބޮޑު ޤުރުބާނީއެކެވެ. ދަރިންގެ ހައްޤުގައެވެ. ލޯބިވާ އަނބިމީހާގެ ހައްޤުގައެވެ. އަނބިދަރިން ބަޑުފުރައި މުއްތިކުރާނެ ފައިސާ އެ ބައްޕަ ހޯދަނީ ހިތްވަރާއި މިތްނަތުންނެވެ. އަނބިދަރީންނަށްޓަކައި ހިތުގައި އުތުރި އަރަމުން އަންނަ ލޯތްބެއްގެ ބޮޑު ކަމުންނެވެ.

ބައެއް ފަހަރު އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ ބައްޕައިންނަކީ މާ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ބައެއް ނޫން ކަމަށެވެ. އެހެން ކަމަށްވަނީ ނަމަ ތިޔަ ހީކުރެވުނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ބައްޕައިން އެބައިމީހުންގެ ޒިންމާ ފުރިހަމައަށް އަދާނުކުރާ ނަމަ އާއިލާ ރޫޅި، ވިއްސިވިހާލިވެގެންދެއެވެ. އުފަލުން ފޮޅެމުން އައި އާއިލާގެ މާ މޯޅިވެ ފަތްތައް ފަޒާގެ ތެރެއަށް ގެއްލިދެެއެވެ. މި ދެންނެވީ ބައްޕައިންގެ ޒިންމާ އެ ބައްޕައިން އަދާ ނުކުރަނީނަމަ ވާނެ ގޮތެވެ.

ބައްޕައިންނަކީ ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އެންމެ އިސް ރޯލެއް އަދާކޮށްދޭން ޖެހޭ ފަރާތެވެ. ދަރިންނަށް ކޮންމެ ކަމެއްގައި ނަމޫނާ ދައްކަން ޖެހޭނެ ފަރާތެވެ. އަތުގައި ހިފައިގެން މިސްކިތައް ދިޔުމާއި، ހެޔޮކަންކަން ދަރީން ލައްވާ ކުރުވުމަކީ އެ ބައްޕައިން ކުރަން ޖެހޭނެ ކަންކަމެވެ. ދަރީން ލައްވާ މަސައްކަތްތައް ކުރުވާ، މަސައްކަތް ކުރަން ދަސްކޮށްދީ ދަރީންނަކީ ހީވާގި މުރާލި ބަޔަކަށް ހެދުމުގެ މޭސްތިރިއަކަށްވާންވާނީ ބައްޕައެވެ.

ދުޅަހެޔޮ އާއިލާއަކަށް "ޒިންމާދާރު ބައްޕަ"އެއް ހުރުމަކީ މުހިންމު ކަމެކެވެ. އާއިލާއެއް ފެށިގެން އަންނަނީ އެ ބައްޕައިންގެ ފުށުން ކަމަށްވާއިރު، އާއިލާއެއް ނެގެހެއްޓުމުގެ ބުރަ މަސްއޫލިއްޔަތު އެންމެ ބޮޑަށް އުފުލަން ޖެހޭނީވެސް ބައްޕައިންނާއެވެ. ބައްޕަގެ ދަރަޖައަކީ ކުޑަ ދަރަޖައެއް ނޫނެވެ. އާއިލާއެއްގެ ހަމަޖެހުމުގައި އެ ބައްޕައިންގެ ދައުރު ބޮޑެވެ. ޒިންމާވެސް ބޮޑެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.