މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ އިތުބާރު ވިންގާ ރަހީމް ސްޓާލިންގެ އަމާޒަކީ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދައިން ގިނަ ގޯލްތަކެއް ޖެހުންކަމަށް ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ސްޓާލިންގެ ކެރިއަރުގައި މިހާތަނަށް 87 ގޯލް ކާމިޔާބުކޮށްފައިވާއިރު، މިދިޔަ ދެ ސީޒަނުގައި ސިޓީން ޕްރިމިއާ ލީގު ތަށި އުފުލާލިއިރު ސްޓާލިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، އޭނާ ވަނީ މިދިޔަ ދެ ސީޒަނުގައި ކުޅުނު 97 މެޗުގައި 48 ލަނޑުޖަހާފައެވެ.

އެންމެފަހުން ގައުމީ ޓީމާއެކު ޔޫރޯ ކޮލިފައިންގައި ކޮސޯވޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސްޓާލިން ބުނީ އޭނާގެ އަމާޒަކީ ގިނަ ގޯލްތަކެއް ޖަހައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭނެ ފަދަ ކުޅުންތެރިއަކަށްވުން ކަމަށެވެ. 

އެގޮތުން، ސްޓާލިން ފާހަގަކުރިގޮތުގައި، މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ މެސީ އާއި ރޮނާލްޑޯ ވެސް މެދުކެނޑުމެއްނެތި ކޮންމެ ސީޒަނަކުވެސް ގިނަ ގޯލްތަކެއް ކާމިޔާބުކުރަމުން އަންނަ ކަމަށާއި، އޭނާގެ އަމާޒަކީ އެ ދެ ކުޅުންތެރިން ފަދައިން ކޮންމެ ސީޒަނަކުވެސް ގިނަ ގޯލްތަކެއް ޖަހައި، ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

ފަހަކަށް އައިސް ކްލަބު ފުޓްބޯޅައިގައި ސްޓާލިންގެ ވިދުން ގަދަވެފައިވީނަމަވެސް، ގައުމީ ޓީމާއެކު އޭނާ އަށް އެ ފެންވަރުގައި ކުޅެވިފައެއްނުވެއެވެ. އެގޮތުން، އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 53 މެޗުގައި ޖެހިފައިވަނީ 10 ގޯލެވެ. އެހެން ނޫނަސް، ސްޓާލިން ބޮޑަށް ފާހަގަވެފައިވަނީ ގޯލްޖެހުމުގެ އިތުރުން ގިނަ ލަނޑުތަކެއްޖެހުމަށް މަގުފަހިކޮށްދޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.

މީގެއިތުރުން، މިފަހަރުގެ ސީޒަނުގައިވެސް މިހާތަނަށް ކުޅުނު ފަސް މެޗުގައި ސްޓާލިން ވަނީ ހަ ލަނޑުޖަހާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.