މިހާރު ޗައިނާގައި ކުރިއަށްދާ ފީބާ ބާސްކެޓްބޯލް ވޯލްޑްކަޕްގައި ވަރުގަދަ އެމެރިކާ ބަލިކުރުމަށްފަހު ފްރާންސުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއާއެކު އެމެރިކާ އިން ބޮޑެތި މުބާރާތްތަކުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް 58 މެޗަށްފަހު ވަނީ ނިމުމަކަށް އައިސްފައެވެ.

މިއީ 2002 ވަނަ އަހަރުގެ ފަހުން އެމެރިކާ އިން މެޑެލްއަކާ ނުލައި މި މުބާރާތުން ވަކިވާންޖެހުނު ފުރަތަމަ ފަހަރެވެ. އެގޮތުން، އެ ޓީމުން ވަނީ އެންމެފަހުން ކުޅެވުނު ފަސް ވޯލްޑްކަޕްގެ އިތުރުން އޮލިމްޕިކްސްގައި ވެސް ރަން މެޑެލް ހޯދާފައެވެ.

މިފަހަރުގެ މުބާރާތަށް ނިކުތްއިރު އެމެރިކާ އަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ތަފާތު އެކި ސަބަބުތަކާ ހުރެ އެ ގައުމުގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިން ވޯލްޑްކަޕްގައި ކުޅުމަށް ދެކޮޅުހެދުމެވެ. މީގެއިތުރުން، މި މުބާރާތަށް ގެނައި ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިން ކަމަށްވާ ޖޭސަން ޓެޓުމް އާއި ކައިލް ކުޒްމާ އަށް ވެސް އަނިޔާގެ ސަބަބުން ނުކުޅެވުނެވެ.

ޗައިނާގެ ޑޮންގްގުއާންގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާގައި ފޯރިގަދަ ކުޅުމަކަށްފަހު ނިމިގެންދިޔައީ 18-18 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެކަމަކު، ދެވަނަ ކުއާޓާގައި ފްރާންސުން ޑޮމިނޭޓްކުރުމަށްފަހު ގެންދިޔައީ 27-21 އިންނެވެ. އެއަށްފަހު، ތިންވަނަ ކުއާޓާ ފެށިގެންވެސް ފްރާންސްގެ ނިކޮލަސް ބެޓުމް ކާމިޔާބުކުރި ޕޮއިންޓްތަކާއެކު އެ ޓީމުން 10 ޕޮއިންޓުގެ ލީޑެއްނެގިއެވެ.

ނަމަވެސް، އޭގެފަހުން އެމެރިކާގެ ޝޫޓިން ގާޑް، ޑޮނަވަން މިޗޭލް ކާމިޔާބުކުރި 12 ޕޮއިންޓާއެކު މި ކުއާޓާ އެ ޓީމުން ނިންމާލީ 66-63 އިން ކުރީގައި އޮވެގެންނެވެ. އެމެރިކާ އިން ފަހު ކުއާޓާ ފެށިގެންވެސް ހަތް ޕޮއިންޓްގެ ލީޑެއްގައި އޮއްވާ، އެ ޓީމަށް މި ކުއާޓާގައި ލިބުނު ފްރީ ތްރޯ ތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން، ފްރާންސުން އަނބުރާ ލީޑް އަތުލުމަށްފަހު ނިންމާލީ 26-13 އިންނެވެ. 

ފްރާންސް މޮޅު ކޮށްދިނުމުގައި އިސްދައުރެއް އަދާކުރީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެމެރިކާގެ އެންބީއޭގައި ކުޅެމުން އަންނަ ސެންޓާ ރުޑީ ގޯބެއާ އެވެ. އޭނާ ވަނީ 21 ޕޮއިންޓާއެކު 16 ރީބައުންޑް ނަގާފައެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ޕޮއިންޓް ހަމަކުރި ޝޫޓިން ގާޑް އިވާން ފޯނިއާ އެވެ. މީގެއިތުރުން، 18 ޕޮއިންޓް ހޯދި ނަންޑޯ ޑެ ކޯލޯގެ ކުޅުންވެސް ފާހަގަކޮށްލެވެއެވެ.

އެމެރިކާގެ ކުޅުންތެރިންގެ ތެރެއިން، ޑޮނަވަން ފިޔަވާ އިތުރު ކުޅުންތެރިއަކަށް ރަނގަޅު ކުޅުމެއް ދެއްކިފައެއްނުވެއެވެ. އޭނާ ވަނީ 29 ޕޮއިންޓާއެކު ހަ ރީބައުންޑް ނަގާފައެވެ. އާއްމުކޮށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޮއިންޓް ގާޑް، ކެމްބާ ވޯކާ އަށް ހަމަކުރެވުނީ 10 ޕޮއިންޓެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފްރާންސްގެ ގޯބެއާ ބުނީ މިއީ ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު މޮޅުގެ އިތުރުން އެ ގައުމުގެ ބާސްކެޓްބޯޅަ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށާއި، އެހެންނަމަވެސް ޓާގެޓަކީ މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.

އެމެރިކާގެ ކޯޗު ގްރެގް ޕޮޕޮވިޗް ބުނީ ބަލިވުމުން ވަރަށް ބޮޑަށް ދެރަވާ ކަމަށާއި، ދިރިއުޅުމުގައި މިކަހަލަ ދުވަސް ވެސް އަންނާނެ ކަމަށެވެ.

މި މުބާރާތުގައި އިއްޔެ އާއި އޭގެ ކުރީ ދުވަހު ކުޅެވުނު މެޗުތަކަށްފަހު ސެމީން ޖާގަ ހޯދާފައިވަނީ، ފްރާންސްގެ އިތުރުން އާޖެންޓީނާ އާއި ސްޕެއިން އަދި އޮސްޓްރޭލިއާ އެވެ.

ގަދަފަދަ ސާބިއާ އަތުން 97-87 އިން ކުރިހޯދައިގެން އާޖެންޓީނާ ސެމީ އަށް ދަތުރުކުރިއިރު، މުބާރާތުގެ ފޭވަރިޓެއްކަމަށްވާ ސްޕެއިނުން ވަނީ 90-78 އިން ޕޯލެންޑް ބަލިކޮށްފައެވެ. އަދި ޗެކް ރިޕަބްލިކް އަތުން އޮސްޓްރޭލިއާ މޮޅުވީ 82-70 އިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.