ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި ލިތުއޭނިއާ އަތުން 5-1 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ މެޗުގައި ޖެހި ހަތަރު ގޯލާއެކު މިހާތަނަށް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިގެން އިރާނުގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑާ ކައިރިކޮށްފައެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 160 މެޗުގައި 93 ގޯލް ހަމަކޮށްފައެވެ. މިހާތަނަށް ގައުމީ ޓީމަށް އެންމެ ގިނަގޯލު ޖަހައިދީފައިވާ އީރާނުގެ ފޯވާޑް ދާއީ ވަނީ 149 މެޗްގައި 109 ގޯލު ހަމަކޮށްފައެވެ. އެހެންކަމުން، މި ރެކޯޑާ އަރާ ހަމަކުރުމަށް ރޮނާލްޑޯ ބޭނުންވަނީ 16 ގޯލެވެ.

ލިތުއޭނިއާގެ ވިލްނިއަސްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވަނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑްނަގައިދީފައެވެ. މިއީ ލިތުއޭނިއާގެ ވީކިންޓަސް ސްލިވްކާ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެފަހުން، ޕޯޗުގަލްގެ ލީޑްފުޅާކުރުމަށް ރޮނާލްޑޯގެ އިތުރުން ހޯސޭ ފޮންޓް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ލިތުއޭނިއާގެ ގޯލްކީޕަރު އާނެސްޓަސް ސެޓްކުސް މަތަކުރިއެވެ. މެޗުގެ 28 ވަނަ މިނެޓުގައި ލިތުއޭނިއާގެ ވީޓައުޓަސް އަންޑްރިއުސްކެވިސިއަސް ކާމިޔާބުކުރި ގޯލާއެކު ދެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ވެސް ޕޯޗުގަލް އިން ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާއިރު، އެ ޓީމުން ދެވަނަ ފަހަރަށް ލީޑްނެގީ މެޗުގެ 61 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ގޯލުންނެވެ. މި ބޯޅަ ގޮސް ގޯލްގެ ތެރެއަށް ވަނީ ލިތުއޭނިއާގެ ކީޕަރު ސެޓްކުސްގެ ގައިގަ ޖެހިފައެވެ. 

އޭގެ ހަތަރު މިނެޓުފަހުން، ޕޯޗުގަލްގެ ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ރޮނާލްޑޯ ވަނީ ހެޓްރިކް ފުރިހަމަކޮށް، މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ 76 ވަނަ މިނެޓުގައި ޕޯޗުގަލްގެ ހަތަރުވަނަ ލަނޑުވެސް ޖެހީ ރޮނާލްޑޯ އެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ބެނާޑޯ އެވެ. ޕޯޗުގަލްގެ ފަހުލަނޑު، މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ ވިލިއަމް ކަވާލިއޯ އެވެ.

މި މެޗުގައި ޖެހި ހަތަރު ގޯލާއެކު ރޮނާލްޑޯ ވަނީ މިހާތަނަށް 54 ހެޓްރިކް ފުރިހަމަކޮށްފައެވެ. މީގެއިތުރުން، ރޭގެ މެޗާއެކު އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް އަށް ހެޓްރިކް ހަދާފައެވެ.

ރޭގެ ނަތީޖާއާއެކު، ގްރޫޕް ބީގެ އެއްވަނައިގައި މި ވަގުތު 13 ޕޮއިންޓް ހަމަކޮށްގެން ޔުކްރޭން އޮތްއިރު، އެއް މެޗުން މަދުން ކުޅެފައިވާ ޕޯޗުގަލް އޮތީ އަށް ޕޮއިންޓާއެކު ދެވަނައިގައެވެ. ތިންވަނައިގައި އޮތް ސާބިއާ އަށް ލިބިފައިވަނީ ފަސް މެޗުން ހަތް ޕޮއިންޓެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އުޅެނީ ރޭގެ މެޗުން ބަލިވި ލިތުއޭނިއާ އެވެ. އެ ޓީމަށް މިހާތަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ފްރާންސާއި ތުރުކީ މޮޅުވިއިރު، އެންމެ ހައިރާންކުރަނިވި ނަތީޖާއަކަށްވީ އަލްބޭނިއާ އަތުން އައިސްލެންޑް ބަލިވުމެވެ. ރޭގެ މެޗުގައި ފްރާންސުން އަމިއްލަ ދަނޑުގައި އެންޑޯރާ އަތުން 3-0 އިން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ކިންގްސްލީ ކޯމަންގެ އިތުރުން ކްލެމެންޓް ލެންގްލޭ އާއި ވިސާމް ބެން ޔެޑާ އެވެ. މި މެޗުގައިވެސް އެ ޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ފޮނުވާލި ޕެނަލްޓީއެއް ވަނީ ކާމިޔާބުނުކުރެވިފައެވެ. ތުރުކީ އިން ރަށުން ބޭރުގައި މޮލްޑޯވާ އަތުން 4-0 އިން މޮޅުވިއިރު، ސާބިއާ ވަނީ 3-1 އިން ލަގްޒެމްބޯގް ބަލިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.