މާލެއަށް މިނީބަސް ތައާރަފުކުރެވޭވަރުވާނީ އަންނަ އަހަރު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން އާދީއްތަ ދުވަހު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިނީ ބަސް ތައާރަފު ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރަމުންދާ ކަމަށާއި، މިނީ ބަސް ތައާރަފްކުރުން ލަސްވާ ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"މިނީ ބަސް ތައާރަފުކުރުން ލަސްވޭ، އެކަން އަޅުގަނޑުމެން ވެސް ގަބޫލުކުރަން. އަޅުގަނޑުމެން ގެންނަ ބަސްތަތަކީ މާލޭގެ މަގުތަކަށް އެކަށޭނެ ގޮތަކަށް ކަސްޓަމައިޒް ކޮށްގެން ގެންނަ ބަސްތަކެއް،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މާލެއަށް ގެންނަ ބަސްތަކަކީ މާލޭގެ މަގުތަކުގައި ދުއްވަން ފަސޭހަވާނެހެން ހަނި ބަސްތަކެއް ކަމަށާއި އެ ބަސްތަކުގައި 16 ނުވަތަ 18 ސީޓު ހުންނާނެ ކަމަށެވެ. އަދި އެ ބަސްތަކަކީ ތިމާވެއްޓާއި ރަށްޓެހި ބަސްތަކެއް ކަން މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ އަލަށް ބަސް ގެންނައިރު، އޯޑަރު ކުރާތާ 90 ދުވަސް ތެރޭ ބަސްތައް ލިބޭނެ ކަމަށާއި ނަމަވެސް އޭގެ މާނައަކީ ކުރިއަށް އޮތް 90 ދުވަސްތެރޭ ބަސްތައް މާލެ ގެނެސް ހިދުމަތް ފެށޭނެ ވާހަކަ ނޫން ކަމަށެވެ..

މާލޭގައި މިނީބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާ އެވެ. އެ ކުންފުންޏާއެކު މިނިސްޓްރީ އިން ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.