ޚަބަރު
އޮލިމްޕިކްސްއަށް ކޮލިފައިވުމަކީ ދިވެހި ކުޅިވަރުގައި ތާރީހީ ވަގުތުކޮޅެއް: ރައީސް

އޮލިމްޕިކްސްއަށް ކޮލިފައިވުމަކީ ދިވެހި ކުޅިވަރުގައި ތާރީހީ ވަގުތުކޮޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ރޭ ކުރެއްވި ޕޯސްޓެއްގައި މިގޮތަށް ވިދާޅުވީ ފުރަތަމަ ފަހަަރަށް ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިއެއް އޮލިމްޕިކްސް މުބާރާތަށް ކޮލިފައިވުމާއި ގުޅިގެން ނެވެ.

އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ހޯދާފައިވަނީ ޓޭބަލް ޓެނިސް ތަރި، ފާތިމަތު ދީމާ އަލީ އެވެ.

“އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އަށް މަރުހަބާ. ޓޭބަލް ޓެނިސްގައި ދީމާގެ ކެތްތެރިކަމާއި މޮޅުކަމުން އަޅުގަނޑުމެންގެ ގައުމު ފަހުރުވެރިވެއްޖެ”

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ދީމާ ކޮލިފައި ވެފައިވަނީ ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެނެވެ. އިއްޔެ ކުޅެވުނު ފައިނަލް މެޗުގައި ދީމާ ވާދަކޮށްފައިވަނީ ސްރީ ލަންކާގެ ބަންޑާރާ ބިމަންދީއާ އެވެ. ދީމާ މި މެޗުން މޮޅުވެފައިވަނީ 4-1 ސެޓުން ނެވެ.

ދީމާ ވަނީ ފައިނަލުގެ ފުރަތަމަ ސެޓު 11-8 އިން ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފަ އެވެ. ނަމަވެސް، ޖެހިގެން އައި ސެޓުން ގިނަ ގޯސްތަކެއް ހެދުމުގެ ސަބަބުން، އެ ސެޓު 11-7 އިން ކާމިޔާބުކުރީ ބަންދަރާ އެވެ.

ނަތީޖާ އެއްވަރު ވުމާއެކު ދީމާ ވަނީ ޖެހިގެން އައި ސެޓުތަކުގައި އިތުރަށް ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، ވާދަވެރި ކުޅުމަކަށްފަހު 13-11 އިން ދީމާ ވަނީ މެޗުގެ ތިން ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. ވާދަވެރި ސެޓެއް ކާމިޔާބު ކުރެވުމުން ލިބުނު ކޮންފިޑެންސާއެކު ދީމާ ވަނީ ޖެހިގެން އައި ދެ ސެޓުވެސް ކާމިޔާބުކޮށްފަ އެވެ. ފަހު ދެ ސެޓު ދީމާ ކާމިޔާބުކުރީ 11-7 އަދި 11-5 ގެ ނަތީޖާއަކުން ނެވެ.

މިއާއެކު ދީމާ އަށް ވަނީ މިއަހަރު ޖުލައި މަހު ޕެރިސްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްއިން ފުރުސަތު ލިބިފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top