ދިވެހި ދައުލަތް ބެހިފައިވާ ގޮތުން ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ ވެރިކަން ހިންގުމުގެ ބާރެވެ. ދެން އޮތީ ޤާނޫނު ހެދުމުގެ ބާރެވެ. އެއީ ރައްޔިތުންގެ މަޖިލީހެވެ. ދެން އޮތީ އަދުލްއިންސާފު ޤާއިމު ކުރުމުގެ ބާރެވެ. އެއީ ސުޕްރީމް ކޯޓެވެ.މި ބާރުތައް އެކުލެވިގެން ދައުލަތް ފުރިހަމަ ވަނީ ވަރަށް ގިނަ މުއައްސަސާތަކެއްގެ ތެރެއިންނެވެ. 

މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ދައުލަތުގެ އެއްބާރުން އަނެއްބާރަށް ޝައްކުގެ ނަޒަރަކުން ބަލާ ތުހުމަތުތައް ކުރާތަނެވެ. ހަމައެއާއެކު އެ ތުހުމަތުތައް ދޮގުކުރާ މަންޒަރެވެ. ކޮންމެއަކަސް ދައުލަތުގެ ހަރުދަނާ އުސޫލުތައް ފެޔަށް ޖެހިފައިވާކަން އެބަ ސާފުވެއެވެ.

ދާދިފަހުން ލިބުނު ޚަބަރަކީ ޤާނުނު ހެދުމުގެ ބާރު "ރައްޔިތުންގެ މަޖިލީހުގެ" ރައީސް މުޙައްމަދު ނަޝީދަށް ފާރަލުމުގައި ފުލުހުން ޚަރަކާތްތެރިވާކަމަށް ޤައުމީ ދިފާއީ ބާރުން ރައީސް ނަޝީދަށް މައުލޫމާތުދެއްވިކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުމެވެ. މި ދައްކަނީ އާދައިގެ ތުހުމަތެއްގެ ވާހަކައެއް ނޫނެވެ. ހަމަ އެއާއިއެކު މީސް މީޑިއާގެ އެކި މަންސަތަކުގައި ފުލުހުންގެ  މުއައްސަސާއަށް ރައްޔިތުންގެ ތެރެއިން ބަޔަކު އިންތިހާއަށް ފާޑު ކިޔަން ފެށިއެވެ. ހުދު އެމަނިކުފާނުވެސް ވަރަށް ބޮޑަށް ފުލުހުންގެ މުއައްސަސާއަށް ފާޑުވިދާޅުވިއެވެ.

ނަމަވެސް  ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ އެކަންކަން ދޮގު ކުރައްވާފައެވެ. ފުލުހުން ވިދާޅުވީ އެމަނިކުފާނަށް ފާރަލަމުން ނުދާކަމަށެވެ. އަދި އެމްއެންޑީއެފްއާއި ގުޅިގެން އަބަދުވެސް ރައީސް ނަޝީދަށް ރައްކާތެރިކަން ކަށަވަރުކުރަމުން ދާކަމަށެވެ. 

ފުލުހުންގެ ބަޔާނަށް އިރުކޮޅެއް ނުވަނީސް ދިވެހިރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފުން ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފުލުހުން ފާރަލާކަމަށް އެއްވެސް އިރެއްގައި އެމަނިކުފާނަށް އަންގާފައިނުވާނޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިހާހިސާބުން ސުވާލުތައް ބައިވަރު އެބަ އުފެދެއެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ދައުލަތުގެ އެއްބާރުގެ އެންމެ އިސް ފަރާތެވެ. ސިފައިންނާއި ފުލުހުންނަކީ ޤާނޫނު އަސާސީގެ ދަށުން ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށް އުފައްދާފައިވާ ދެ މުއައްސަސާއެވެ. އިތުބާރު ކުރަން ވީ ކޮން ފަރާތަކަށް ހެއްޔެވެ. ތެދު ބުނަނީ ކޮން ފަރާތަކުން ހެއްޔެވެ.؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.