ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ނުހުޅުވަނީސް އެ ރަންވޭއަށް އިންޑިއަން އެއަރލައިން ގެ ބޯޓެއް ޖައްސާފައިވަނީ ވީއައިއޭގެ ޓްރެފިކް ނިޝާންތައް ސަލާމަތީ މިންގަނޑަށް ނެތުމުން ކަމަށް އެ މައްސަލަ ތަހުޤީޤުކޮށް، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ރިޕޯޓުން ހާމަވެއްޖެއެެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު 263 ފަސިންޖަރުންނާއިއެކު އިންޑިއާގެ ވެރިރަށް ނިއު ދިއްލީން ފުރައިގެން އެގައުމުގެ ޓްރިވެންޑްރަމް މަގުން ރާއްޖެ އައި އިންޑިއަން އެއަރލައިންގެ އެއަރބަސް އޭ320ނިއޯ ވީއައިއޭގައި ތަރައްޤީކުރި އާ ރަންވޭ ނުނިމި އޮއްވާ އެ ރަންވޭގައި ޖެއްސީ ރަންވޭގައި ހުންނަން ޖެހޭ ބައެއް ޓްރެފިކް ނިޝާންތައް ސަލާމަތީ މިންގަނޑަށް ނެތުމުން އެއީ ނުހުޅުވާ ރަންވޭއެއްކަން ޕައިލެޓުންނަށް ފާހަގަ ނުވުމުން ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ނުޙުޅުވާ އޮތް ރަންވޭއަށް ބޯޓު ޖެއްސުމުން އޭގައި ތިބި އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ބޯޓަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. އެގޮތުން ބޯޓުގެ ފޮރޮޅު ހަލާކުވެ، ހަތަރު ދުވަސް ވަންދެން ގްރައުންޑް ކޮށްފައި ބާއްވަން ޖެހުނެވެ. މަރާމާތައް ފަހު އެ ބޯޓު ރާއްޖެއިން ފުރާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.
ނުނިމި އޮތް ރަންވޭގައި އިންޑިއަން އެއަރލައިންގެ ފްލައިޓެއް ޖެއްސި މައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތަކާއި މެދު ފިޔަވަޅެއް އަޅާފައިވާކަން އެނގިފައެއް ނުވެއެވެ.