2020 ވަނަ އަހަރުގައި ބާއްވާ ޔޫރޯ އަށް ކޮލިފައިވާން ރޭ ކުޅުނު މެޗުތަކުން ޔޫރަޕްގެ ބޮޑެތި ޓީމުތަކުން ތަފާތު ބޮޑު ނަތީޖާއިން ފަސޭހަކަމާއެކު މޮޅުތަކެއް ހޯދައިފިއެވެ.

އެންމެފަހުގެ ވޯލްޑް ޗެމްޕިއަން ފްރާންސުން ކިންގްސްލީ ކޯމަން ކާމިޔާބުކުރި ދެލަނޑާއެކު އަލްބޭނިއާ އަތުން 4-1 އިން މޮޅުވިއިރު، ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަން ޕޯޗުގަލް ވަނީ ރަށުން ބޭރުގައި 4-2 އިން ސާބިއާ ބަލިކޮށްފައެވެ. މީގެއިތުރުން، އިންގްލެންޑުން ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ކެޕްޓަން ހެރީ ކޭން ވައްދާލި ހެޓްރިކާއެކު ބަލްގޭރިއާ އަތުން 4-0 އިން މޮޅުވެފައެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް އެޗްގައި ހިމެނޭ، ފްރާންސް އާއި ތުރުކީ އަދި އައިސްލޭންޑަށް މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ފްރާންސަށް ކުރިލިބެނީ ގޯލްގެތަފާތުންނެވެ. ގްރޫޕް ބީ ގައި ހިމެނޭ ޕޯޗުގަލް އަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، އެ ގްރޫޕްގެ އެންމެ ކުރީގައި އުޅެނީ ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށްފައިވާ ޔޫކްރޭން އެވެ. ގްރޫޕްގެ އެންމެ ކުރީގައި އުޅެނީ ސައްތައިގެ ރެކޯޑާއެކު ނުވަ ޕޮއިންޓް ހަމަކޮށްފައިވާ އިންގްލެންޑެވެ.

ފްރާންސާއި އަލްބޭނިއާ ކުޅެން އޮތް މެޗު ރޭ ފެށީ، ކުރީން ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށްވުރެ 10 މިނިޓް ލަހުންނެވެ. އެއީ އަލްބޭނިއާގެ ގައުމީ ސަލާމްގެ ބަދަލުގައި އޮޅުމަކުން އެންޑޯރާގެ ގައުމީ ސަލާމް ޖެހުމުންނެވެ. މިކަމާ ހުރެ އަލްބޭނިއާ ކުޅުންތެރިންނާއި އޮފިޝަލުން ހިތްހަމަނުޖެހުން ފާޅުކޮށް ރަނގަޅު ގައުމީ ސަލާމް ނުޖަހަނީސް މެޗު ކުޅެން ދެކޮޅު ހެދުމުން އަލުން ވަނީ އަލްބޭނިއާގެ ގައުމީ ސަލާމް ޖަހައިފައެވެ.

ޕީއެސްޖީގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މެޗު ފެށިގެން އަށްވަނަ މިނެޓުގައި ކުރީން ލީޑްނެގީވެސް ފްރާންސެވެ. އެ ޓީމުގެ ޑިފެންޑަރު ރަފައެލް ވަރާން ދިން ރީތި ޕާހަކުން މިލަނޑުޖަހައިދިނީ ކޯމަން އެވެ. އޭގެފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ލޫކަސް ހެނާންޑޭޒް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޮލިވިއޭ ޖިރޫ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ފްރާންސްގެ ލީޑް ފުޅާކުރުމަށް ރަނުގެ ފުރުޞަތެއްލިބި އެންޓޮއިން ގްރީޒްމަން އަށް ވަނީ ބޭނުންހިފޭގޮތްނުވެފައެވެ. އެގޮތުން، އެ ޓީމުގެ ހެނާންޑޭޒް އަށް އަލްބޭނިއާގެ މެރްގިމް މަވްރާޖް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ގްރީޒްމަން ފޮނުވާލުމުން އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފްރާންސްގެ ލީޑް ފުޅާކުރުމަށް ގްރީޒްމަން އަށް އިތުރު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، މެޗުގެ 68 ވަނަ މިނެޓުގައި ކޯމަން ވަނީ އެ ޓީމަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިއީ ގްރީޒްމަން ތަނަވަސްކުރި ފުރުޞަތަކުން ކޯމަން ކާމިޔާބުކުރި ގޯލެކެވެ. ފްރާންސްގެ ފަހު ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ޖޮނަތަން އިކޯނޭ އެވެ. މިއީ ދާދިފަހުން ރެއާލް ބެޓިސް އަށް ބަދަލުވި ނަބީލް ފެކީރް ދިން ބޯޅައަކުން އިކޯނޭ ޖެހި ގޯލެކެވެ.

ސާބިއާގެ ބެލްގްރޭޑްގައި ރޭ ކުޅުނު މެޗުގައި އެންމެފަހުގެ ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލް 4-2 އިން މޮޅުވިއިރު، ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ވިލިއަމް ކަވާލިއޯގެ ގޯލުން އެ ޓީމު ނިންމާލީ 1-0 އިން ކުރީގައިއޮވެގެންނެވެ. އޭގެފަހުން، މެޗުގެ 58 ވަނަ މިނެޓުގައި ގޮންކާލޯ ގުއެޑޭސްގެ ގޯލާއެކު ދެލަނޑުގެ ލީޑެއްނެގިއިރު، އޭގެ ދިހަ މިނެޓުފަހުން ނިކޮލާ މިލެންކޮވިޗްގެ ގޯލުން ސާބިއާ ފަރަގު ކުޑަކުރިއެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުން ދެވަނަ ފަހަރަށް އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނެގިނަމަވެސް، މެޗުގެ 85 ވަނަ މިނެޓުގައި ސާބިއާގެ ފޯވާޑް އަލެކްސެންޑަ މިޓްރޮވިޗް ވަނީ ނަތީޖާ 3-2 ބަދަލުކޮށްލާފައެވެ. ޕޯޗުގަލްގެ ފަހުލަނޑު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވެމްބްލީ ސްޓޭޑިއަމްގައި ބަލްގޭރިއާ އާ ދެކޮޅަށް ކުޅުނު މެޗުން އިންގްލެންޑް 4-0 އިން މޮޅުވިއިރު، އެ ޓީމަށް ތިންލަނޑުޖަހައިދިނީ ކޭން އެވެ. އޭގެތެރެއިން، ދެ ލަނޑުޖެހީ ޕެނަލްޓީންނެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ރަހީމް ސްޓާލިން އެވެ. ޗެކް ރިޕަބްލިކް އަތުން 2-1 އިން ކޮސޮވޯ މޮޅުވިއިރު، ތުރުކީ ވަނީ 1-0 ގެ ހަނި ނަތީޖާއަކުން އެންޑޯރާ އަތުން މޮޅުވެފައެވެ. މޮލްޑޯވާ އަތުން 3-0 އިން އައިސްލޭންޑް މޮޅުވިއިރު، ޔޫކްރޭނުން ލިތުއޭނިއާ ބަލިކުރީވެސް ހަމަ މިނަތީޖާއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.