ދިވެހި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގަށް އަލުން ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ދީފިއެވެ.

މިދިޔަ އަހަރުގެ މާރިޗު މަހުގައި ގައުމީ ޓީމުން ބާކީ ކުރުމަށްފަހު އަޝްފާގަށް ގައުމީޓީމުން ފުރުސަތު ލިބުނު މި އީ ފުރަތަމަ ފަހަރެވެ. 2003 ވަނަ އަހަރުގެ ފަހުން ބަރާބަރަށް ގައުމީ ޓީމަށް ކުޅެމުން އައި ދަގަނޑޭ އަށް މިހާރުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަރ ސެގާޓް ފުރުސަތު ނުދޭންފެށީ މިދިޔަ އަހަރުގެ މާޗް މަހު ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅެން އޮތް އޭޝިއަން ކަޕް ކޮލިފައިން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ.

ރަނގަޅު ފޯމުގައި ހުރި ދަގަނޑޭ އަށް އެ އަހަރުގެެ ސާފު ސުޒުކީ ކަޕުން  ފުރުސަތު ނުދިންއިރު ދެން ފެނުނީ ކޯޗު ސެގާޓް ދަގަނޑޭ އެއްކޮށް ބާކީކޮށްލި ތަނެވެ. ދަގަނޑޭ ގައުމީ ޓީމަށް ނުނަގާ ކޯޗު އެކި ފަހަރު ދައްކަނީ އެކި ބަހަނާއެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ އިތުރުން 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން ކުޅެންޖެހޭ މެޗްތަކަށް އެކުލަވާލި ސްކޮޑުގައި އަޝްފާގު ނުހިމެނީ މުސްކުޅިވެފައިވާތީކަމަށްވެސް ސެގާޓު ވަނީ ބުނެފައެވެ. މިކަންކަމާއި ހެދި ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން އިންތިހާއަށް ބޮޑުވެ މީސް މީޑިއާގައި ގިނަ ކެމްޕެއިންތަކެއް ވަނީ ކޮށްފައެވެ. ހަމަ އެހެންމެ ރާއްޖޭގެ ތަޖުރިބާކާރު ކޯޗުންނާއި، ކުރީގެ ކުޅުންތެރިންވެސް ވަނީ ދަގޭއަށް ފުރުސަތު ލިބެން ޖެހޭކަން ފާހަގަކޮށްފައެވެ.

އަންނަ އަންގާރަ ދުވަހު ޗައިނާއާއި ދެކޮޅަށް އެކުލަވާލި ސުކޮޑުގައި އަޝްފާގު ހިމެނި މިހާރު ވަނީ ޤައުމީ ޓީމު ކޭމްޕުކޮށްފައިވާ ހޮޓޭލްޖެންއަށް ގޮސް ޓީމާއި ގުޅިފައެވެ. 

ޓީމާއި ގުޅުމަށްފަހު އަޝްފާގު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިހުރީ އެނބުރި އައިސްކަމަށާއި، ޤައުމީ ޚިދުމަތަށް ގޮވާލާ ކޮންމެ ފަހަރަކުވެސް އޭނާގެ %100 ދޭނޭކަމަށެވެ. އަދި ސަޕޯޓަރުން ދެއްވާ ހިތްވަރަށް އަޝްފާޤު ވަނީ ޝުކުރު އަދާކޮށްފައެވެ.

ދިވެހިންގެ ފުޓުބޯޅާއިގެ ރަސްގެފާނު ޢަލީ އަޝްފާޤު ދަގަނޑޭއަށް ޤައުމީ ޓީމުން ފުރުސަތު ލިބުމާއެކު، އެތައް ދިވެހިންނެއް ދަނީ މީސް މީޑިއާގައި އުފާފާޅު ކުރަމުންނެވެ. އަދި އަންގާރަ ދުވަހުގެ ރޭ ދިވެހި ޤައުމީ ފުޓްބޯލް ސްޓޭޑިއަމްގައި ޗައިނާއާއި ދެކޮޅަށް ނިކުންނަ މެޗަށް ދަނޑު ފުރާލާނެކަމަށްވެސް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.