ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕާއި 2023 ގައި ޗައިނާގައި އޮންނަ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިން މޮޅުވެ ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ފެށުން ރަނގަޅުކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށްފަހު ރާއްޖޭން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އޭގެފަހުން، މެލޭޝިއާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި، އެންމެފަހުގެ އައިއޯއައިޖީގެ ފުޓްބޯޅަ އިވެންޓްގައި ވާދަކޮށް އެންމެ މެޗަކުންވެސް މޮޅުވެފައެއްނުވެއެވެ.

ރާއްޖޭގެ ޓީމުން މިއަދުގެ މެޗަށް ނިކުތީ ފަހަކަށްއައިސް އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސެއިން ނިހާން (ނިހާޓް) ނުލައެވެ. ނިހާނަށް މި މެޗުގައި ނުކުޅެވުނީ ގުއާމަށް ދިއުމަށްޓަކައި ނަގަންޖެހޭ އެމެރިކާ ވިސާ ހަމަނުޖެހުމުންނެވެ. އިއްބެ މިވަގުތު ހުރީ އާއިލާކަމެއްގައި ޓީމުން ރިލީޒްދީފައެވެ.

އެގޮތުން، އޭޝިއާގެ ގަދަބާރު ޗައިނާގެ އިތުރުން ސީރިއާ އާއި ފިލިޕީންސް ހިމެނޭ މި ގްރޫޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކޯޗު ޕީޓާ ސެގާޓް ބޮޑަށް ފުރުސަތު ދިނީ ޒުވާން ކުޅުންތެރިންނަށެވެ.

ގުއާމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ރާއްޖޭން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ޖަހައިދިނީ މާޒިޔާ އަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އޭގެކުރީން، ރާއްޖޭގެ ފޯވާޑް އަސަދުﷲ އަބްދުﷲ އަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ރާއްޖޭގެ ލަނޑަށްފަހު ގުއާމުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެންވެސް ގުއާމުން ރަނގަޅު ކުޅުމެއް ދައްކާފައިވީނަމަވެސް މުހައްމަދު ފައިސަލް ބަލަހައްޓަމުން އައި ރާއްޖޭގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއްނުވެއެވެ. މިހާފުގައި ރާއްޖޭގެ ކުޅުންތެރިންކަމަށްވާ އަސަދުﷲ އާއި ހުސެއިން ޝިފާއު (ކުރޯ) ފޮނުވާލި ހަމަލާތަކުގައިވެސް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

ގުއާމުން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތްތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވީ، މެޗުގެ 81 ވަނަ މިނެޓުގައި ރާއްޖޭގެ ފޯވާޑް ފޭދޫ އިއްބެ އަށް އެ ޓީމުގެ ޝޯން ނިކްލޯ ކުރި ފައުލަކަށް ރެފްރީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މިއީ ފީފާ ރޭންކިންގެ 190 ވަނައިގައި އޮތް އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ގުއާމްއާ ދެކޮޅަށް ރާއްޖެ މިހާތަނަށް ކުޅުނު ފުރަތަމަ މެޗެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅެވޭނީ އަންނަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު މާލޭގައެވެ.

ކޮލިފައިންގައި މިއަދު ހަވީރު ކުޅޭ މެޗުގައި މި ގްރޫޕްގައި ހިމެނޭ ސީރިއާ ނިކުންނާނީ ރަށުންބޭރުގައި ފިލިޕީންސްއާ ދެކޮޅަށެވެ. ފަސް ޓީމު ހިމެނޭ މި ގްރޫޕްގެ ފޭވަރިޓުންކަމަށްވާ ޗައިނާ ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ އަންނަ އަންގާރަ ދުވަހު މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.