ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ މުއައްސަސާ ބަދުނާމުކޮށް ވާހަކަ ދެއްކުމަކީ އެއްވެސް ގޮތަކަށް ހަމަޖެހޭކަމެއް ނޫންކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ޖޭޕީގެ ލީޑަރު އަދި މާމިނގިލީީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ކޮމިޝަނުން ރިލްވާންގެ މައްސަލަ ތަހުޤީގުކުރި ކަމަށާއި، އެހެންނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެފަދަ ރިޕޯޓެއް ތައްޔާރުކުރެވުނީ ފުލުހުންގެ އެހީގައި ކަމަށެވެ. އަދި ފުލުހުންގެ އެހީގައި އެފަދަ ރިޕޯތެއް ތައްޔާރުކުރެވުނު އިރު މަޖިލީހުގެ ރައީސް ފުލުހުންނަށް އެމައްސަލައާއި ގުޅޭގޮތުން ފާޑުކިޔުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލި ކޮމިޝަނުން މަސައްކަތް ކުރައްވާފައި ނެތެކޭއެއް ނޫން. ނަމަވެސް ފުލުހުންގެ ފަރާތުން އެ ހުރިހާ އެއްބާރުލުމެއް ދީގެން އެ ހުރިހާ ކަމެއް ކުރެވިފައި ވަނީ. އެ ކަމުގެ ހަގީގަތް މަޖިލީހުގެ ރައީސް އޮޅުވާލައި ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކެވުމަކީ އެއް ގޮތަކަށް ވެސް ހަމަޖެހޭ ކަމެއް ނޫން." ރައީސް ނަޝީދު މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަކައަށް ރައްދުދެއްވާ ޤާސިމް މިއަދުގެ މަޖިލީހުގައި ވިދާޅުވިއެވެ.
އަދި ޤަސިމް ވަނީ ކޮމިޝަންގެ މެމްބަރުންގެ ތަހުޤީޤު ކުރުމުގެ ޤާބިލުކަމާއި މެދު ސުވާލު އުފައްދާފައެވެ. އަދި ރިލްވާން މައްސަލައިގެ ރިޕޯޓްގައި ހުރީ ހަމަ އެކަނި ކޮމިޝަންގެ ތަހުޤީޤަށް ލިބުނު މައުލޫމާތު ނޫންކަމަށާއި އޭގައި ފުލުހުންގެ މައުލުމާތުވެސް ހުރިކަމަށް ޤަސިމް ވިދާޅުވިއެވެ.
"އޭރުގައި ކަމެއް ގޯސްފައި ނެތެކޭ އަޅުގަނޑު ނުދަންނަވަން. އެކަމަކު، އެއީ މިއަދުގެ ފުލުހުންގެ ބޮލުގައި އަޅުވަން ޖެހޭ މައްސަލައެއް ކަމުގައި ނުދެކެން،" ޤާސިމް ވިދާޅުވިއެވެ.