ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ކްލަބްތަކުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމަށް ކުރި ހަރަދު 5 ބިލިއަން ޕައުންޑަށް އަރައިފިއެވެ. މިއީ 2018 ވަނަ އަހަރުގެ ޓްރާންސްފާ މާކެޓަށް ވުރެ 800 މިލިއަން ޕައުންޑް އިތުރު އަދަދެއްކަމަށް ޑެލޮއިޓް އިން ހާމަކޮށްފިއެވެ.

އެގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކަށް މިދިޔަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމާ ހަމައަށް 1.41 ބިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު، ޕްރިމިއާ ލީގުގައި މި ފަހަރު އެންމެ ބޮޑު އަގުގައި ކްލަބު ބަދަލުކުރީ ލެސްޓާ ސިޓީ އިން 80 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް މެންޗެސްޓާ ޔުނައިޓެޑުން ގެނައި ހެރީ މެގުއާ އެވެ.

ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރި ސްޕެނިޝް ލީގުގެ ކްލަބުތަކުގެ ޚަރަދު ވަނީ 1.24 ބިލިއަން ޕައުންޑަށް އަރައިފައެވެ. މިއީ 2017 ވަނަ އަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމާ ހަމައަށް ސްޕެއިނުގެ ކްލަބުތަކުން ކުރި ހޭދާއާ އަޅާބަލާއިރު ދެ ގުނައިގެ އިތުރުވުމެކެވެ.

މީގެއިތުރުން، އިޓަލިއަން ސެރިއޭ އާއި ޖަރުމަން ބުންޑަސްލީގާ އަދި ފްރާންސްގެ ލީގު 1 ގެ ކުލަބުތަކުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުރި ހޭދައާ އެކު ރެކޯޑްތަކެއް ވަނީ މުގުރާލައިފައެވެ. ނަމަވެސް، ޕްރިމިއާ ލީގުގެ ކްލަބުތަކުން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމަށް ކުރިހޭދަވަނީ 2015 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައެވެ.

މީގެ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ، ޔޫރަޕްގެ ބޮޑު ހަތަރު ލީގުގެ ކުލަބުތަކަށްވުރެ ކުރީން ޕްރިމިއާ ލީގުގެ ކުލަބުތަކަށް ޓްރާންސްފާ ބާޒާރު ބަންދުވުމެވެ. ޕްރިމިއާ ލީގުގެ ކުލަބުތަކަށް ސީޒަން ފެށުމާ ހަމައަށް ޓްރާންސްފާ މާކެޓް ބަންދުވާ ގޮތަށް ހެދީ މިދިޔަ އަހަރުގައި ކްލަބްތަކުގެ މެދުގައި ނެގި ވޯޓެއްގައި ފުރިހަމަ ތާއީދު ލިބުމުންނެވެ. އެކަމަކު، ޔޫރަޕްގެ ބޮޑެތި އެހެން ލީގުތަކަށް ޓްރާންސްފާ ބާޒާރު ބަންދުވަނީ ސެޕްޓެންބަރު މަހުގެ 2 ގައެވެ.

ސްޕެނިޝް ލީގުގެ ކްލަބުތަކުން މި ފަހަރު ކުރި ހޭދަ ފުރަތަމަ ފަހަރަށް 1 ބިލިއަން ޕައުންޑަށް ވުރެ އިތުރުވެފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ ޓްރާންސްފާތަކުގެ ތެރޭގައި ހިމެނެނީ، 108 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާ އަށް ބަދަލުވި އެންޓޮއިން ގްރީޒްމަންގެ އިތުރުން 113 މިލިއަން ޕައުންޑަށް ޕޯޗުގަލްގެ ބެންފީކާ އިން އެތުލެޓިކޯ އަށް ބަދަލުވި ޔާއޯ ފެލިކްސް އަދި ޗެލްސީ އިން ރެއާލް މެޑްރިޑަށް 90 މިލިއަން ޕައުންޑްގެ އަގަކަށް ބަދަލުވި އެޑެން ހަޒާޑް އެވެ.

އިޓާލިއަން ސެރިއޭގެ ކުލަބުތަކުން ކުރި ހޭދަ 1.06 ބިލިއަން ޕައުންޑަށް އަރާފައިވާއިރު، އެންމެ ބޮޑު އަގުގައި އެ ލީގަށް ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑުން 74 މިލިއަން ޕައުންޑަށް އިންޓަ މިލާނުން ގެނައި ރޮމެލޫ ލުކާކޫ އެވެ. ޖަރުމަން ބުންޑަސްލީގާގެ ކްލަބުތަކުން ކުޅުންތެރިން ގަތުމަށް 670 މިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އަގުބޮޑު ޓްރާންސްފާ އަކީ އެތުލެޓިކޯ އިން 68 މިލިއަން ޕައުންޑަށް ބަޔާން މިއުނިކަށް ބަދަލުވި ލޫކަސް ހެނާންޑޭޒް އެވެ.

ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ މަދުން ހޭދަކޮށްފައިވަނީ، ފްރާންސްގެ ލީގުންނެވެ. އެގޮތުން، ފްރެންޗް ލީގް 1 ގެ ކްލަބުތަކުން ކުރި ހޭދަ 605 މިލިއަން ޕައުންޑަށް އެރިއިރު، ބޮޑު އަގުގައި އެ ލީގަށް ބަދަލުވީ މޮނާކޯ އިން 36 މިލިއަން ޕައުންޑްފެ ޓްރާންސްފާ ފީއަކަށް ސެވިއްޔާ އިން ގެނައި ވިސާމް ބެން ޔެޑާ އެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އެވްރެޖްކޮށް ކުލަބުތަކުން ކުރި ހޭދަ ބޮޑުވެފައިވަނީ، އިހަށްވުރެ ގިނަ ފައިސާ ޓެލެވިޜަން ކޮންޓްރެކްޓްތަކުގެ ދަށުން ލިބެމުން އައުމުގެ އިތުރުން ސްކޮޑް ބިނާކުރުމަށް ކުރާ ހޭދައާއި ކުލަބުތަކުގެ ކޯޗުގެ މަގާމު މާ އަވަހަށް ބަދަލަވުން ކަމަށް ޑެލޮއިޓް ސްޕޯޓް ބިޒްނަސް ގްރޫޕްގެ ހެޑް ޑޭން ޖޯންސް ފާހަގަކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.