މިނިވަން ނޫޙުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރިލްވާނާއި ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އާންމުކުރި ތަހުޤީޤު ރިޕޯޓެއް އެ ކޮމިޝަނުން އާދިއްތަ ދުވަހު ވަނީ އާންމުކޮށްފައެވެ. އަދި އެ ތަހުޤީޤުގެ ޑްރާފްޓެއް ވަނީ ރައީސްއަށް އަރުވައިފައެވެ.

އެ ޑްރާފްޓާ ގުޅޭ ގޮތުން ރައީސް ޞާލިހް މިއަދު ނެރުއްވި ކުރު ނޫސް ބަޔާނުގައި ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ފާހަގަ ކޮށްފައިވާ ކަންތައްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި، ރިޔާސީ ކޮމިޝަންތަކުގެ ބޭނުމަކީ އިންސާފު ހޯދައިދީ އިންސާފު ޤާއިމް ކުރުން ކަމަށެވެ.

"[ރިޔާސީ] ކޮމިޝަން އަޅުގަނޑު އެކުލަވާލުމުގެ އެއް މަގުސަދަކީ، ރިލްވާނަށް ހޯދައި އެކަން ކުރި މީހުން އިންސާފުގެ ކުރި މައްޗަށް ގެނެސް، މިފަދަ ކަމެއް މުޖްތަމައުގައި އަލުން ހިންގިޔަ ނުދިނުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން،" ރައީސް ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލައިގައި ގިނަ ކަންކަން ހޯދިފައިވީ ނަމަވެސް، އެ ތަހުޤީގު އެއްކޮށް ނިމިފައެއް ނުވެއެވެ.

ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، ރިލްވާން ގެއްލުނު ރޭ އޭނާ ކާރަކަށް އަރުވައިގެން ގޮސް ޑިންގީއަކަށް އަރުވައި، އަދި އެއަށްފަހު ކަނޑު އުޅަނދަކަށް އަރުވާފައި އޭނާ މަރާލީކަން އެނގިފައިވާ ކަމަށެވެ. ރިޔާސީ ކޮމިޝަނުން ވިދާޅުވީ، ރިލްވާން މަރާލީ ނިރުބަރި ޖަމާއަތެއްކަމަށްވާ އަލްޤައިދާއަށް ތާއީދުކުރާ ދިވެހިންގެ ގުރޫޕަކުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.