ރާއްޖެ އާއި ލަންކާ އާއި ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެތެރެއިން، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި ހަތަރު އެއްބަސްވުމަކީ ވިސާގެ ލުއިދޭ އެއްބަސްވުމާއި، ޒުވާނުން ބިނާ ކުރުމަށް އެހީދިނުމުގެ އެއްބަސްވުމެއްގެ އިތުރުން ސޯޝަލް ޕްރޮޓެކްޝަންގެ ދާއިރާ އާއި މަތީ ތައުލީމާ ގުޅޭ އެއްބަސްވުމެކެވެ.

ވިސާގެ ލުއި ދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ އެއްބަސްވުމުގައި  ލަންކާ ސަރުކާރުގެ ފަރާރުން ސޮއިކުރެއްވީ އެގައުމުގެ އިންޓާނަލް އެންޑް ހޯމް އެފެއާޒް މިނިސްޓަރު ބަޖީރާ އަބޭ ވަރްދަނަ އެވެ. މި އެއްބަސްވުމާއެކު ލަންކާ އަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ.

މަތީ ތައުލީމުގެ ދާއިރާ އިން ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސިޓީ ޕްލޭނިން ވޯޓާ ސަޕްލައި އެންޑް ހަޔާ އެޑިއުކޭޝަން ރައުފް ހަކީމް އެވެ.

ސޯޝަލް ޕްރޮޓެކްޝަން ދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީވެސް މިނިސްޓަރު ޝާހިދެވެ. ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޕްރައިމަރީ އިންޑަސްޓްރީސް އެންޑް ސޯޝަލް އެމްޕަވާމެންޓް ދަޔާ ގާމާގެ އެވެ.

ޒުވާނުން ބިނާކުރުމުގެ ދާއިރާ އާއި ވޮކޭޝަނަލް ދާއިރާ އިން ރާއްޖެ އާއި ލަންކާ އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. އެ އެއްބަސްވުމުގައި ލަންކާގެ ފަރާތުން ސޮއިކުރެއްވީ ލަންކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖާ ޖެނެރަލް އޭބީ ތޮޮރޭ ޑެނިއާ އެވެ.

ރައީސް ޞާލިހުގެ ސަރުކާރުން އަންނަނީ ލަންކާއާއި ހާއްސަ ގުޅުމެއް ބާއްވަމުންނެވެ. އަދި މި ސަރުކާރުން  ވަނީ ތަފާތު ކުރުމެއް ނެތި ހުރިހާ ޤައުމަކާއި އެކުގައިވެސް ގުޅުން ބަދަހިކުރާނެ ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.