އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ބާންލޭ ބަލިކޮށް މި މުބާރާތުގައި ވިދިވިދިގެން ހޯދީ 13 ވަނަ މޮޅާއެކު އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނިކުތްއިރު، މެންޗެސްޓާ ސިޓީ އިން 4-0 ގެ ނަތީޖާއަކުން ބްރައިޓަން ހޯވް އެންޑް އެލްބިއަން ބަލިކުރުމަށްފަހު ލީގުގެ އެއްވަނަ އަށް ޖެހިލިނަމަވެސް، ލިވަޕޫލް ވަނީ ކުޅުނު ހަތަރު މެޗުން ސައްތައިގެ ރެކޯޑާއެކު އެއްވަނަ މަގާމް ދަމަހައްޓާފައެވެ. ދެވަނައިގައި އޮތް ސިޓީ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތީ އަށް ޕޮއިންޓާއެކު ލެސްޓާ ސިޓީ އެވެ.

ބާންލޭގެ ޓާފް މޫ ގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ލީޑްނެގީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ދުރުން ފޮނުވާލި ހަމަލާއެއް ބާންލޭގެ ކްރިސް ވުޑްގެ ގައިގަ ޖެހިފައި ވަން ގޯލެކެވެ. 

އޭގެ ހަތަރު މިނެޓުފަހުން، ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ތަނަވަސްކުރި ފުރުޞަތަކުން ސަޑިއޯ މާނޭ ވަނީ އެ ޓީމުގެ ލީޑް ފުޅާކޮށްދީފައެވެ. މިއީ ބާންލޭގެ ކެޕްޓަން އަދި ޑިފެންޑަރު ބެން މީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލިވަޕޫލުން ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގެ ފުރަތަމަ ހާފު ނިންމާލީ 2-0 އިން ލިވަޕޫލް ކުރީގައިއޮވެގެންނެވެ.

ލިވަޕޫލުން މި މެޗުގައި ކާމިޔާބުކުރި ފަހުލަނޑު، ޖަހައިދިނީ ފިރްމީނޯ އެވެ. މި ގޯލާއެކު ފިރްމީނޯ ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި 50 ލަނޑު ހަމަކުރި ހަމައެކަނި ބްރެޒިލް ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މި މެޗުން ހޯދީ މޮޅާއެކު ލިވަޕޫލް ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ވިދިވިދިގެން ދެ ސީޒަނުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން މޮޅުވި ފަސްވަނަ ޓީމުގެ މަގާމް ހޯދާފައެވެ. ރޭގެ މެޗުން ބަލިވެ، ބާންލޭ ވަނީ 14 ވަނައަށް ވެއްޓިފައެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅެ 2-2 އިން ޗެލްސީ އެއްވަރުވިއިރު، ނިއުކާސަލް ޔުނައިޓެޑާ ވަޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެސްޓަން ވިލާ އަތުން 1-0 އިން ކްރިސްޓަލް ޕެލަސް މޮޅުވިއިރު، ލެސްޓާ ސިޓީ ވަނީ 3-1 އިން ބޯންމައުތު ބަލިކޮށްފައެވެ. މީގެއިތުރުން، ވެސްޓްހޭމް ޔުނައިޓެޑް ވަނީ 2-0 އިން ނޯވިޗް ސިޓީ އަތުން މޮޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.