އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އިން ތިން ލަނޑުގެ ލީޑެއް ނަގާފައި އޮއްވާ ނަޕޯލީ އިން ފަހަތުން އަރައި އެއްވަރުކުރިނަމަވެސް، މެޗުގެ އިތުރުވަގުތުގައި ކަލިދޫ ކުލީބަލީ އަތުން ބައިކޮޅަށް ވަން ގޯލުން އެ ޓީމަށް ހިތްދަތިކަމާ ކުރިމަތިލާންޖެހިއްޖެއެވެ. މި މެޗުން ޔުވެންޓަސް މޮޅުވީ 4-3 އިންނެވެ.

ރޭގެ ނަތީޖާއާއެކު، ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އެއްވަނައިގައި ޔުވެންޓަސް އޮތްއިރު، ދެވަނައިގަައި އޮތީ ހަތަރު ޕޮއިންޓް ހަމަކޮށްފައިވާ ބޮލޯނިއާ އެވެ. ރޭގެ މެޗުން ބަލިވެ، ނަޕޯލީ ވަނީ ތާވަލްގެ އަށްވަނަ އަށް ވެއްޓިފައެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ މެންޗެސްޓާ ސިޓީން ދާދިފަހުން އެ ޓީމަށް ބަދަލުވި ބްރެޒިލްގެ ފުލްބެކް ޑަނީލޯ އެވެ. އޭގެ ތިން މިނެޓުފަހުން، ކުރިން ނަޕޯލީގައި މޮޅު ކުޅުމެއް ދައްކާފައިވާ ފޯވާޑް ގޮންޒާލޯ ހިގުއައިން ކާމިޔާބުކުރި ރީތި ގޯލާއެކު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ 2-0 ގެ ލީޑެއްގައި އޮވެގެންނެވެ.

އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ލަނޑާއެކު ޔުވެންޓަސް އިން 3-0 ގެ ލީޑެއް ނަގައި، ހަމަޖެހިލިނަމަވެސް ނަޕޯލީ އިން ވަނީ ފުލުފުލުގައި ދެލަނޑުޖަހައި މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 66 ވަނަ މިނެޓުގައި ކޮސްޓާސް މަނޮލަސް ކާމިޔާބުކުރިއިރު، އޭގެ ދެ މިނެޓުފަހުން ދެވަނަ ލަނޑުޖަހައިދިނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމާ ގުޅުނު ހާވިގް ލޮޒާނޯ އެވެ.

ނަޕޯލީ އިން އެއްވަރުކުރި ލަނޑު، މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ޖިއޮވާނީ ޑި ލޮރެންޒޯ ޖަހައިދިންނަމަވެސް، މެޗުގެ އިތުރުވަގުތުގައި ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ފޮނުވާލި ހިލޭޖެހުމަކުން ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވީ ބޯޅަ ނަޕޯލީގެ އިތުބާރު ޑިފެންޑަރު ކުލީބަލީ ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޮސް ވަނީ ގޯލްގެތެރެއަށެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އޭސީ މިލާން ވަނީ 1-0 ގެ ހަނި ނަތީޖާއަކުން ބްރެޝިއާ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ ހަކާން ޗަހަނޮގްލޫ އެވެ.

ލީގުގައި ޔުވެންޓަސް އަށް ދެން އޮތީ އަންނަ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހު ރަށުން ބޭރުގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅޭ މެޗެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.