ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާގެ ޓްރާންސްފާއާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވޭ ކަމަށް އެ ކްލަބުގެ ސްޕޯޓިން ޑައިރެކްޓަރު ލިއޮނާޑޯ ބުނެފިއެވެ.

ނޭމާ ގެންދިއުމަށް އޭނާގެ ކުރީގެ ކްލަބު ބާސެލޯނާ އިން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިދިޔަ އަންގާރަ ދުވަހުގައި ޕީއެސްޖީގެ އިސްވެރިންނާއެކު އެ ކްލަބުން ބޭއްވި މަޝްވަރާތަކަށްފަހު އަދިވެސް މިކަމުގައި ކުރިއެރުމެއް ލިބިފައެއްނުވެއެވެ.

މީގެ ދެ އަހަރު ކުރިން ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގެއްކަމަށްވާ 222 މިލިއަން ޔޫރޯ ގެ ޓްރާންސްފާ ފީއަކަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަންނަނީ ތަކުރާރުކޮށް އަލުން ބާސެލޯނާއާ ގުޅެން ބޭނުންވާ ކަމަށް ބުނަމުންނެވެ. އެހެންނަމަވެސް، ޕީއެސްޖީގެ ވިސްނުން ހުރީ އެ ކްލަބުން އޭނާ ގަތުމަށް ހޭދަކުރީ އަގާއި ގާތްކުރާވަރުގެ ބިޑެއް ލިބުމުން ނޫނީ ދޫނުކުރާގޮތަށެވެ.

އެގޮތުން، މިހާތަނަށް އައިއިރު ބާސެލޯނާ އިން އެކި ޑީލްތައް ނޭމާ ހޯދުމަށް ހުށަހަޅާފައިވާއިރު، އެންމެފަހުން ޕީއެސްޖީއާއެކު ބޭއްވި ބައްދަލުވުމުގައި ދެ އަހަރު ދުވަހުގެ ތެރޭގައި 140 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދައްކަން އެއްބަސްވެ، އެ ހުށަހެޅުމުގެ ތެރެއިން ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗްގެ އިތުރުން އެއް އަހަރު ދުވަހަށް ލޯން އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ވިންގާ އޮސްމާނޭ ޑެމްބެލޭ ދޭ ގޮތަށެވެ. މިގޮތަށް ދެ ކްލަބުން އެއްބަސްވިނަމަވެސް އެކަމަށް އޮތް ހުރަހަކީ ޑެމްބެލޭ، ބާސެލޯނާ ދޫކޮށްލާން ދެކޮޅުހެދުމެވެ.

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޔޫރަޕްގެ ކްލަބްތަކަށް ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރީން، ނޭމާގެ ޓްރާންސްފާގެ ކަންތައްތައް ނިމިގެންދާނެކަމުގެ އުއްމީދު އޮތް ކަމަށް ލިއޮނާޑޯ ދެކެއެވެ.

"ނޭމާގެ ޓްރާންސްފާއާ ގުޅޭގޮތުން އަހަރެމެން ބޭނުންވާގޮތް އެންމެންނަށްވެސް އެނގޭނެ." ލިއޮނާޑޯ ބުންޏެވެ.

"ނޭމާ ގަތުމަށް އަހަރެމެންނަށް އެންމެ ފުރަތަމަ ހުށަހެޅުމެއް ލިބުނީ މި އޯގަސްޓްމަހުގެ 27 ވަނަ ދުވަހު. އެ ބިޑަށް ފުރަގަސްދިނީ ބޭނުންވާ ބައެއް ކަންތައްތަކުގައި އެއްބަސްވުމަކަށް ނާދެވުމުން." ލިއޮނާޑޯ ބުންޏެވެ.

"މިހާރު ޓްރާންސްފާ ބާޒާރު ބަންދުވަމަށް ބާކީ އޮތީ އެންމެ ތިން ދުވަސް، މިހާތަނަށް އައިއިރު ނޭމާގެ ޓްރާންސްފާއާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވޭ." ލިއޮނާޑޯ ބުންޏެވެ.

މީގެއިތުރުން، ޕީއެސްޖީގެ ފޯވާޑްލައިންގައި ހިމެނޭ މުހިއްމު ކުޅުންތެރިން ކަމަށްވާ އެޑިންސަން ކަވާނީ އާއި ކިލިއަން އެމްބާޕޭ އަށް އަނިޔާވެ، ޓީމަށް ހީނަރުކަމެއް އައިސްފައިވީނަމަވެސް މިހާތަނަށް އައިއިރު އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ނޭމާގެ ބޭނުންހިފަން ދެކޮޅުހަދާފައެވެ.

އަދި، ނޭމާގެ ޓްރާންސްފާއާ ގުޅޭގޮތުން ޕީއެސްޖީގެ އިސް ސަޕޯޓަރުންގެ ފަރާތުން ނުރުހުމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، އެ ޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޓޭޑިއަމްގައި ބެނާތައް ހިފައިގެން ނޭމާއާ ދެކޮޅަށް އަޑުއުފުލައި އޭނާ ދޫކޮށްލުމަށް ކްލަބުގެ ކިބައިން ބައެއް ސަޕޯޓަރުން އެދިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.