ރާއްޖެއަކީ ކުޑަ ޤައުމެކެވެ. މީސްކޮޅު މަދު ޤައުމެކެވެ. ނަމަވެސް މި ޤައުމަކީ ހުނަރުވެރި ޤާބިލް ދަރިން ތަކެއް ދިރިއުޅެމުން އަންނަ ދުނިޔެއަށް ނަމޫނާ ޤައުމެކެވެ. ހާއްސަކޮށް ކުޅިވަރުގެ ރޮގުން ރާއްޖެ ވަނީ ސަރަހައްދީ ބޮޑެތި މުބާރާތްތަކާއި, ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ ރަން ކާމިޔާބީތައް ހޯދާ ރާއްޖޭގެ ނަން ރަންއަކުރުން ފަވާލަދީފައެވެ. އެކަން މޮރީޝިއަަސްގައި ބޭއްވި އިންޑިއަން އޯސެން އައިލެންޑް ގޭމްސް ގައިވެސް ރާއްޖޭގެ ހުނަރުވެރި އެލްތީޓުން މިވަނީ ސާބިތުކޮށްދީފައެވެ.

ރާއްޖޭގައި ކުޅިވަރު ދިރުވާ އާލާކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ފަރާތަކީ ޔޫތު އެންޑް ސޯސަލް އެމްޕަވަރމެންޓް މިނިސްޓްރީ (ޔޫތު މިނިސްޓްރީ)އެވެ. އަދި އެކަމުގެ އެންމެ އިސް މަސްއޫލިއްޔަތެއް އުފުލަން ޖެހޭނީ ޔޫތު މިނިސްޓަރެވެ. 

"ޖަޒީރާ ރާއްޖޭ"ގެ މެނިފެސްޓޯއާއި އެކު މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެންމެ އަޑު ހަރުކޮށް ދެއްކި އެއްވާހަކައަކީ ރާއްޖޭގައި ކުޅިވަރު އާލާކުރާނެ ވާހަކައެވެ. ކުޅުންތެރީންނާއި އެތްލީޓުންނަށް ފަހި ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ވާހަކައެވެ. ނަމަވެސް ސަރުކާރުގެ އެ ވައުދު ޔޫތު މިނިސްޓްރީން މިވަނީ ބޮލާ ލައި ޖަހައިފައެވެ. އެ މިނިސްޓްރީން މިވަނީ ރާއްޖޭގައި ކުރިއަރުވަން ޖެހޭނީ ވަކި ކުޅިވަރުތަކެއް ކަމަށް މޭރުން ވާ ފަދަ އިބާރާތަކުން ވާހަކަ ދައްކާ ޒުވާން އެތައް އެތްލީޓުންނެއްގެ ހިތް މަރާލައިފައެވެ. ދައްކަން މިއުޅޭ ވާހަކައަކީ އަވަށްޓެރި ސްރީލަންކާގައި އޮންނަ އެންމެ ބޮޑު ރޭސިންގ އިވެންޓުގައި ރާއްޖެ ތަމްސީލް ކުރުމަށް ދިޔަ ރާއްޖޭގެ ޒުވާން ރޭސިންގ އެތްލީޓުންނަށް އެ މިނިސްޓްރީން އަދި ޔޫތު މިނިސްޓަރުގެވެސް އެއްބާރުލުން ނުލިބުނު ވާހަކައެވެ.

މުބާރާތަށް ބޭނުންވާ ބޮޑު ހަރަދެއް އަމިއްލަ ޖީބުން ކޮށްގެން "ޔުނައިޓެޑް ރައިޑާސް"ގެ ނަމުގައި އެ ޓީމު މިހާރު ލަންކާގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އަންނައިރު، ރާއްޖޭގެ ހަތަރު ރޭސިންގ އެތްލީޓަކު އެ މުބާރާތުގައި ބައިވެރިވާނެއެވެ. 

"ޔުނައިޓެޑް ރައިޑާސް" އިން ލަންކާގައި އޮންނަ އެ މުބާރާތުގައި ބައިވެރިވަނީ ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެއްބާރުލުމާއި އެކުގައި އެ އެސޯސިއޭޝަންއާއި ގުޅިގެންނެވެ. ރާއްޖޭގައި ރޭސިންގ ކުރިއެރުމަށް އެ އެސޯޝިއޭޝަން އުފެއްދީ 2017 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް އަދުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވަނީ ރޭސިންގ ޓްރެކެއް ރާއްޖޭގައި ނެތި ރޭސިންގ އެސޯސިއޭޝަނެއް ވުޖޫދަށް ނުގެނެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓަރު މަހުލޫފު ވަނީ  މި ސަރުކާރުން ކުޅިވަރު ނަގަނީ ވަރަށް ސީރިއަސްކޮށް ކަމަށާއި، ބައިނަލްއަޤުވާމީ ބޮޑެތި ރޭސިންގ އިވެންޓްތަކުގައި ބައިވެރިވުމުގެ ކުރިން ރާއްޖޭގައި ރޭސިންގ ޓްރެކެއް ޤާއިމް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މަހުލޫފުގެ އެޓްވީޓާއި އެކު ރޭސިންގ އަށް ލޯބިކުރާ ގިނަ ފަރާތްތަކެއްގެ ނުރުހުން ވަނީ މިނިސްޓަރަށް އަމާޒުވެފައެވެ. އެފަރާތްތަކުން ބުނަމުން ދަނީ ރޭސިންގ އަކީ ރާއްޖޭގެ ގިނަ ޒުވާނުން ލޯބިކުރާ ކުޅިވަރަކަށް ވީ ހިނދު އެކުޅިވަރު ކުރިއެރުވުމަށް މިނިސްޓްރީން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.

ބައިނަލްއަޤުވާމީ ރޭސިންގ އިވެންޓެއްގައި ރާއްޖެ ތަމްސީލް ކުރުމަށް ދިޔަ ޔުނައިޓެޑް ރައިޑާސްގެ ފަރާތުންވެސް ވަނީ ޔޫތު މިނިސްޓްރީގެ އެއްބާރުލުން އެފަރާތައް ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔުނައިޓެޑް ރައިޑާސްގެ އަދި ރޭސިންގ އަށް ލޯބިކުރާ ގިނަ ބައެއްގެ އުންމީދަކީ ސަރުކާރުން ރާއްޖޭގައި ރޭސިންގ ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ފެނުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.