ޔުއެފާ އިން ހޮވާ އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް ހޯދައިފިއެވެ.

މިއާއެކު ވެން ޑައިކް ވެފައިވަނީ 2011 ވަނަ އަހަރު ދޭން ފެށި މި އެވޯޑް މިހާތަނަށް ހާސިލްކުރި ހަމައެކަނި ޑިފެންޑަރަށެވެ. މީގެއިތުރުން، މިއީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފިޔަވާ އެހެން ކުޅުންތެރިއަކަށް މި އެވޯޑް ވިދިވިދިގެން ލިބުނު ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއާލް މެޑްރިޑްގެ ލުކާ މޮޑްރިޗް އެވެ.

ވެން ޑައިކް މިފަހަރުގެ އެވޯޑް ހާސިލްކުރީ 305 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެސީ އަށް 207 ޕޮއިންޓް ލިބުނުއިރު، ރޮނާލްޑޯ އަށް 74 ޕޮއިންޓާއެކު ލިބުނީ ތިންވަނަ އެވެ.

މޮނާކޯގައި ރޭ ބޭއްވި ހަފްލާގައި ޔުއެފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފްރާންސްގެ އޮލިމްޕިކް ލިޔޯނަށް ކުޅެމުން އަންނަ އިންގްލެންޑްގެ ލުސީ ބްރޯންޒް އެވެ. މި އެވޯޑަށް އޭނާއާ އެންމެ ގާތުން ވާދަކުރީ، ލިޔޯން އަށް ކުޅެމުން އަންނަ ނޯވޭގެ އާޑަ ހެގަބާގް އިތުރުން ފްރާންސްގެ އެމަންޑީން ހެންރީ އެވެ.

ރޭގެ ހަފްލާގައި ހޮވި އިތުރު މަގާމުތަކުގެ ތެރެއިން، އަހަރުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީވެސް ވެން ޑައިކް އެވެ. ނެދަލޭންޑްސް އާއެކު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށް، ލިވަޕޫލަށް ޔުއެފާ ޗެމްޕިއަންސް ލީގު ހޯދައިދިނުމުގެ އިތުރުން ޕްރިމިއާ ލީގުގެ ދެވަނަ މަގާމު އެ ޓީމަށް ލިބުނުއިރު، ވެން ޑައިކް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ލިވަޕޫލް އަދި ބްރެޒިލްގެ އެލިސަން ބެކާ ހޮވުނުއިރު، އެންމެ މޮޅު ފޯވާޑުގެ މަގާމް ހޯދީ ބާސެލޯނާގެ މެސީ އެވެ. އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމަށް ހޮވުނީ މިދިޔަ ސީޒަނުގައި އަޔެކްސް އެމްސްޓެޑަމްގައި މޮޅު ކުޅުމެއް ދެއްކި ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން އެވެ.

މީގެއިތުރުން، ޔުއެފާގެ ރައީސް އަލެކްސެންޑަ ކެފެރިން ދޭ ޕްރެޒިޑެންޓްސް އެވޯޑް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އެރިކް ކެންޓޮނާ ހޯދިއިރު، ޔުއެފާ އީކުއަލް ގޭމް އެވޯޑް ލިބުނީ ބޮރޫޝިއާ ޑޯޓްމަންޑްގެ އިތުރުން ބާންލޭގެ ސަޕޯޓަރެއްކަމަށްވާ ސްކޮޓް ކަންލިފް އަށެވެ.

ޔުއެފާ އެވޯޑްގައި ވޯޓުލާނީ ކްލަބްތަކުގެ ކޯޗުންނާއި ކުޅުންތެރިންގެ އިތުރުން އެ އިދާރާ އިން ހިޔާރުކޮށްފައިވާ މަތީ ފަންތީގެ ނޫސްވެރިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *