ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ޔުއެފާ އިން ފްރާންސްގެ މޮނާކޯގައި ރޭ ބޭއްވިއިރު، ސްޕެއިނުގެ ބާސެެލޯނާ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފިއެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ހިތްދަތިގޮތަކަށް ސެމީ ފައިނަލްގައި ލިވަޕޫލް އަތުން ބަލިވި ބާސެލޯނާއާ އެކު ގްރޫޕް އެފްގައި ހިމެނެނީ، އިޓަލީގެ އިންޓަ މިލާނާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުްގެ އިތުރުން ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރާގްއެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ރެެއާލް މެޑްރިޑަށްވެސް ގްރޫޕް ސްޓޭޖުގައި މިފަހަރު ކުރިމަތިލާން ޖެހިފައި އޮތީ އުނދަގޫ އިމްތިހާނެކެވެ. ރެއާލްއާ އާއެކު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ތުރުކީގެ ގަލަތަސާރޭ އަދި ބެލްޖިއަމްގެ ކްލަބު ބްރޫޖް ހިމެނެނީ ގްރޫޕް އޭގައެވެ.

އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް މިފަހަރު ލައްވާލީ ނިސްބަތުން ފަސޭހަ ގްރޫޕެއްގައެވެ. އެގޮތުން، ލިވަޕޫލްއާއެކު ގްރޫޕް އީގައި ދެން ހިމެނެނީ، މިދިޔަ އަހަރުގެ ގްރޫޕް ސްޓޭޖުގައިވެސް އެ ޓީމާއެކު އެއް ގްރޫޕެއްގައި ހިމެނެނު އިޓަލީގެ ނަޕޯލީގެ އިތުރުން އޮސްޓްރިއާގެ ސަލްޒްބާގާއި ބެލްޖިއަމްގެ ގެންކް އެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މިހާރުގެ ކްލަބު އިޓަލީގެ ޔުވެންޓަސް އަށް ވެސް މި ފަހަރު ކުރިމަތިލާންޖެހިފައިވަނީ ނިސްބަތުން ވަރުގަދަ ޓީމުތަކާއެވެ. އެގޮތުން، ޔުވެންޓަސްއާ އެކު ގްރޫޕް ޑީގައި ދެން ހިމެނެނީ، މިދިޔަ އަހަރުގެ މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގައި އެ ޓީމު އަތުން ބަލިވި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ޖަރުމަން ބަޔާ ލެވަކޫސަން އަދި ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯ އެވެ.

ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކާއެކު ގްރޫޕް ބީގައި ހިމެނުނީި، މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ޓޮޓެންހަމް ހޮޓްސްޕާ އާއި ގްރީސްގެ އޮލިމްޕިއާކޯސް އަދި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މި ފަހަރުވެސް ލައްވާލީ ފަސޭހަ ގްރޫޕެއްގައެވެ. އެގޮތުން، ސިޓީއާއެކު ގްރޫޕް ސީގައި ހިމެނެނީ، ޔޫކްރޭނުގެ ޝަކުތަރު ޑޮނެސްކާއި މި މުބާރާތުގައި މުޅީން އަލަށް ވާދަކުރާ އިޓަލީގެ އެޓަލާންޓާ އަދި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އެވެ.

ޔޫރޮޕާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި މިދިޔަ އަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ސެމީ ފައިނަލަށް ދަތުރުކުރި އަޔެކްސް އެމްސްޓެޑަމްގެ އަދި ސްޕެއިނުގެ ވެލެންސިއާ އާއި ފްރާންސްގެ ލިއްލޭ ހިމެނުނީ ގްރޫޕް އެޗްގައެވެ.

މިފަހަރު އެންމެ އާދައިގެ ގުރޫޕެއްގެ ގޮތުގައި ފާހަގަވެފައިވަނީ ގްރޫޕް ޖީއެވެ. މިގްރޫޕުގައި ހިމެނެނީ، މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޕޯޗުގަލްގެ ބެންފީކާ އާއި ރަޝިޔާގެ ޒެނިތުގެ އިތުރުން ފްރާންސްގެ އޮލިމްޕިކް ލިޔޯން އާއި ޖަރުމަނުގެ އާރްބީ ލިޕްޒިގެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތައް އަންނަ ސެޕްޓެންބަރު މަހުގެ 17 އަދި 18 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު, މި ފަހަރުގެ ފައިނަލް މެޗުގެ ކުޅޭނީ 2005 ވަނަ އަހަރުގެ ފައިނަލް ކުޅުނު ތުރުކީގެ އިސްތަންބޫލްގައި 2020 ވަނަ އަހަރުގެ މެއި މަހުގެ 30 ގައެވެ. ފައިނަލުގެ އެމްބެސަޑަރަކަށް ކަނޑައަޅާފައިވަނީ ބަޔާން މިއުނިކާއި ގަލަސަތަރާއި އަށް ކުރިން ކުޅުނު ތުރުކީ ގައުމީ ޓީމުގެ މިޑްފީލްޑަރު ހަމިތު އަލްޓިންޓޮޕް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.