ކުޅިވަރު
ފުރަތަމަ ފަހަރަށް އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކައިރިން ޓޮޓެންހަމް ބަލިވުމުން، ތާރީހުގައި ފުރަތަމަ ފަހަރަށް އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ އެވެ.

އަންގާރަ ދުވަހުގެރޭ ޓޮޓެންހަމް މެޗު ކުޅުމުގެ ކުރިން، އެސްޓަން ވިލާ އަތުލެވޭ ހިސާބުގައި އޮތީ ހަމައެކަނި އެ ޓީމެވެ. ނަމަވެސް، މެޗުން ބަލިވުމާއެކު މިހާރު އެ ޓީމު އޮތީ އެސްޓަން ވިލާ އަށްވުރެ ފަސް ޕޮއިންޓު ފަހަތުގަ އެވެ. ދެ ޓީމަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

1991-1992 ގައި ޔޫރަޕިއަން ކަޕު ޗެމްޕިއަންސް ލީގަށް ރީބްރޭޑް ކުރި ފަހުން، އެސްޓަން ވިލާ އެ މުބާރާތައް ކޮލިފައިވެފަ އެއް ނުވެ އެވެ. ނަމަވެސް، އެ ޓީމުން ވަނީ 1982 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ވިލާ އިން ވަނީ 1992-1993 އަދި 1995-1996 ގައި ލީގުގެ ދެވަނަ އަދި ހަތަރު ވަނަ ހޯދާފަ އެވެ. ނަމަވެސް، އޭރު ޗެމްޕިއަންސް ލީގަށް ކޮލިފައި ވަނީ ލީގުގެ ޗެމްޕިއަނުން އެކަންޏެވެ. ވިލާ އިން މިއަހަރުގެ ކޮންފަރެންސް ލީގު ކުޅެފައިވާއިރު, އެ ޓީމު ކަޓާފައިވަނީ ސެމީ ފައިނަލުންނެވެ.

އަންގާރަ ދުވަހުގެރޭ ވިލާ ޕާކް ގައި އެސްޓަން ވިލާގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭހެން އެ ކުލަބުގެ އިނާމު ދިނުމުގެ ހަފްލާ ވަނީ ބާއްވާފަ އެވެ. ޗެމްޕިއަންސް ލީގަށް ކޮލިފައިވިކަން އެނގުނު ހިސާބުން، މި ހަފްލާގެ ތެރެއިން މުޅި ޓީމު ވަނީ އުފާ ފާޅުކޮށްފަ އެވެ.

12
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top