މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނުހައްޤު މަންފާއެއް ހޯދާފައެއް ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ވަކިކުރި އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރު ޑީޑީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ނިންމުމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ހުށަހެޅޭ މައްސަލައަކާއި ގުޅިގެން އެމައްސަލަ ހުށަހެޅޭ މީހާގެ ނުފޫޒު ހުރި މިންވަރަށްނުބަލާ އެމީހެއްގެ ގިންތިއަށް އަދި ފަންތިއަށް ނުބަލާ މިނިވަން ކަމާއި އެކު މައްސަލަ ނިންމުމަކީ އެ ފަނޑިޔާރަކު ބޭނުންނުވާ އެތައްކަމަކާއި ކުރިމަތިލާންޖެހޭނެ ކަމެއްކަން މިއަދު ހާމަވެގެން ގޮސްފައިވާކަމަށެވެ.
"އެންމެހައި ނުފޫޒުތަކުން އެއްކިބާވެގެން އުޅެވޭ ފަދަ ފަނޑިޔާރުގެއެއް ޤާއިމުވެފައި އޮތުން މުހިންމު ވަނީވެސް މިފަދަ ނޭދެވޭ އަސަރުތަކުން ފަނޑިޔާރުން ހިމާޔަތްކުރުމަށެވެ. ރައްޔިތުންނަށް އަދުލު އިންސާފު އޭގެ ޒާތުގައި ލިބިދިނުމަށެވެ." ދީދީގެ ބަޔާނުގައި ވެއެވެ.
ފަނޑިޔާރު ދީދީގެ މައްޗަށް ސުލޫކީ މައްސަލައެއް ބެލި މަޤާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާ އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުމުން ޖޭއެސްސީގެ ރިޕޯޓް ތަހުޤީގު ކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ ފަނޑިޔާރު ދީދީ މަޤާމުން ވަކިކުރުމަށެވެ.
ޑީޑީ މަޤާމުން ދުރުކުރުމަށް ނެގި ވޯޓުު ފާސްވެފައިވަނީ މަޖިލީހަށް ހާޒިރުވެ ތިއްބެވި 72 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މައްސަލައިގައި ވަކި ކޮޅަކަށް ޖެހިވަޑައިނުގެން އިންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ.
ޑީޑީ ފަނޑިޔާރު ކަމުން ވަކިކުރުމުގެ ބަހުސްގައި ހުރިހާ މެމްބަރުންވެސް ފަނޑިޔާރުގެ އިސްލާހު ކުރުމަށް ގޮވާލާ ވާހަކަ ދައްކަވާފައިވާއިރު، ޑީޑީ މަޤާމުން ދުރުކޮށް ހައްޔަރުކުރުމަށްވެސް ގިނަ މެމްބަރުންތަކެއް ވަނީ ގޮވާލާފައެވެ.
މިއީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ސުލޫކީ މައްސަލައެއްގެ ސބަބަުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަާޤާމުން ދުރުކުރި ފުރަތަމަ ފަހަރެވެ.