7 ފެބްރުއަރީ 2012 ގެ ވާހަކަ ދައްކަންވެއްޖެނަމަ ގެއްލޭނީ މަސްލަހަތު ކަމަށް ހޯމް މިނިސްޓާރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ހިނގާދިޔަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް އެޅިފަިއވާ ފިޔަޅުތަކާއި ގުޅޭގޮތުން މަޖިލީހުގައި އިދިކޮޅު ބައެއް މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓާރ އިމްރާން ވިދާޅުވީ 7 ފެބްރުއަރީގެ ވާހަކަ ދައްކަންވެއްޖެނަމަ ގެއްލޭނީ މަސްލަހަތު ކަމަށާއި، އެދުވަހުގެ ކަންކަމުގައި ހަރަކާތްތެރިވި މިހާރުގެ ބައެއް މަޖިލިސް މެމްބަރުންވެސް އެބަތިއްބެވި ކަމަށެވެ. 

މިނިސްޓާރ އިމްރާން ވިދާޅުވީ 07 ފެބްރުއަރީ 2012 ގެ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް، ހޯމް މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ޕޮލިސް ރިފޯމް އެޖެންޑާއެއްގެ ދަށުންކަމަށެވެ. އަދި ފުލުހުންގެ މައިގަނޑު އަސާސަކި ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް ހޯދުންކަމަށް ހެދުމަށް 5 އަހަރުދުވަހުގެ ޕްލޭނެއް އެކުލަވާލައިފައިވާކަމަށް މިނިސްޓާރ އިމްރާން ވިދާޅުވިއެވެ. 

ފުލުހުން ހަރުދަނާކޮށް އިތުރު ހުނަރާއި ތަމްރީން ދެވޭނޭ ފުރުސަތު ހޯދައިދެމުންދާކަމަށްވެސް މިނިސްޓާރ އިމްރާން ވިދާޅުވިއެވެ. 

އަދި ފުލުހުންގެ އެތެރޭގެ ސަފުތައް ވަރުގަދަކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި، ޗެއިން އޮފް ކޮމާންޑް ހަރުދަނާ ކުރުމުގެ މަސައްކަތް އަދި ތަމްރީންތައް ދެވެމުންދާކަމަށް މިނިސްޓާރ އިމްރާން ވިދާޅުވިއެވެ. 

މީގެ އިތުރުން، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓާރ އިމްރާން ވިދާޅުވީ، 7 ފެބްރުއަރީގައި ފުލުހުންގެ ވިސްނުމަށް ބަދަލުގެނައީ ނުވަތަ ބަދަލު އައީ ކިހިނެތް ކަމެއް ނޭންގޭކަމަށެވެ. އަދި ކޯނީ ރިޕޯޓްގެ ސަފްހާއެއް މަދު ތޯ ނުވަތަ އިތުރުތޯ ނޭންގޭކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓާރ އިމްރާން ވިދާޅުވީ 7 ފެބްރުއަރީގައި ޤަބޫލުކުރަން ދަތި ކިތަންމެ ކަމެއް ހިނގާދިޔަ ކަމަށެވެ. އަދި 07 ފެބްރުއަރީ އާއި ގުޅިގެން ފުލުހުންގެ އެތެރޭގައި ތަހުޤީޤެއް ކުރެވި ބައެއް މީހުން މަޤާމުން ވަކިކުރެވި އަދި ބައެއް މީހުން މަޤާމު ދައްކޮށް ޑިވިޟަންތައް ބަދަލުކުރެވިފައިވާކަމަށް މިނިސްޓާރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓާރ އިމްރާން ވިދާޅުވީ ފުލުހުންނަކީ ސަރުކާރު ނަގަހައްޓާނެ ބައެއްކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.