ޚަބަރު
ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކާއި ގުޅޭ މަޝްވަރާތައް ކުރުމަށް ސައީދު އިނގިރޭސިވިލާތަށް
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ކޮމަންވެލްތުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގެ ބޭނުމަކީ ރާއްޖޭގައި ކުރިއަރާފައިވާ މާލީ ބާޒާރެއް ގާއިމްކުރުމަށް އިނގިރޭސިވިލާތުގެ މާލީ ދާއިރާގެ ބައިވެރިންގެ އެހީތެރިކަން ހޯދުމެވެ. މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި މަޝްވަރާއަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މުހިންމު މަޝްވަރާއެއް ކަމަށެވެ. މި ބައްދަލުވުމުގެ ތެރެއިން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން މި ދަތުރުގައި ގާނޫނީ އޮނިގަނޑާއި، މާލީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ޒަމާނީކުރުމާއި، ރާއްޖޭގައި މާލީ މަރުކަޒުތައް ގާއިމްކުރުމަށް ޒަމާނީ އަދި ދުނިޔޭގެ ފެންވަރުގެ ގަވަރނަންސް، ސްޓްރެޓެޖީ އަދި އޮޕަރޭޝަންސް ފްރޭމްވޯކް އެކުލަވާލުމުގައި އިނގިރޭސިވިލާތުގެ ފައިނޭންޝަލް ސާވިސަސް ފަރުމާތަކާއެކު މަސައްކަތުގެ ރަސްމީ ގުޅުންތައް ގާއިމްކުރެވޭނެ އެވެ.

މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުންނާއި ހައުސް އޮފް ލޯޑްސްގެ އިތުރުން އިނގިރޭސިވިލާތުގެ ފައިނޭންޝަލް އަދި ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ މަންދޫބަކާ ވެސް މިނިސްޓަރު ސައީދު ބައްދަލު ކުރުމަށް ހަމަޖެހިފައި ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top