ޚަބަރު
ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރު ދިވެހީންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފި

ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރު ދިވެހީންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފި އެވެ.

 ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިހާރު އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރު ހިޒް އެކްސެލެންސީ އިމާދު އަބްދުﷲ ހަމްދާން އާ ބައްދަލު ކުރައްވައިފި އެވެ. އަޒަރްބައިޖާނުގެ ވެރިރަށް ބަކޫގައި އޮތް މި ބައްދަލު ކުރެއްވުމުގައި ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރު ވަނީ ރާއްޖޭގެ މަންދޫބަކާ ބައްދަލު ވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއިން ފަލަސްތީނާމެދު ބާއްވާ ރަހްމަތްތެރިކަމާއި ގުޅުމަށްޓަކައި ވަޒީރު އިމާދު އަބްދުﷲ ހަމްދާން ވަނީ ހުރިހާ ދިވެހީންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު އާދަމް ނަސީރު ވަނީ ފަލަސްތީނަކީ އދ. ގެ ދާއީމީ މެންބަރަކަށްވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް ފާސްކުރުމާ ގުޅިގެން ދިވެހީންގެ ފަރާތުން ވަޒީރު ހިޒް އެކްސެލެންސީ އިމާދު އަބްދުﷲ ހަމްދާން އަށާއި ފަލަސްތީނުގެ ވަފުދަށް، އަދި ފަލަސްތީނުގެ ރައްޔިތުންނަށް ތަހްނިޔާ ރައްދުކުރައްވާފަ އެވެ. އަދި ފަލަސްތީނާމެދު ޒަމާނުއްސުރެ އޮތް ގާތް ކަމަކީ ހުރިހާ ދިވެހީންވެސް ހިއްސާ ކުރާ ގާތް ކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެއާއި ފަލަސްތީނާ ދެމެދު އޮތް ގާތްކަމާއި ގުޅުމަށް ކުޑަވެސް ހީނަރުކަމެއް ނައިސް އިތުރަށް ހަރުދަނާވެގެން ދާނެ ކަމުގެ ޔަގީންކަން އެރުވި އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ބައިނަލްއަގްވާމީ މައިދާނުގައި ކުރެވޭ ހުރިހާ މަސައްކަތަކަށް ދިވެހި ދައުލަތުން ފުރިހަމަ އިޖާބައާއި އެއްބާރުލުން ދެއްވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ދާދިފަހުން އދ. ގެ އާންމު މަޖިލީހުން ފަލަސްތީނަކީ އދ. ގެ ދާއީމީ މެންބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް ފާސްކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަކީ ފަލަސްތީނު ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ތާރީހީ ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ. އަދި ފަލަސްތީނު ރައްޔިތުން މިނިވަން އަމިއްލަ ދައުލަތެއްގެ ހައްގު ހޯދުމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އެ މަސައްކަތުގައި ފަލަސްތީނު ރައްޔިތުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ހިތްވަރަކީ ދިވެހީން ނަމޫނާއަކަށް ދެކޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ވޯރލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އަޒަރްބައިޖާނުގެ ޝޫޝާ ސިޓީގައި އޮތް “ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024” ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވަޒީރު އާދަމް ނަސީރެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top