އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ބޯންމައުތު ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ސިޓީ މޮޅުވީ 3-1 އިންނެވެ.

މި ނަތީޖާއާއެކު، ސިޓީ ވަނީ ހަތް ޕޮއިންޓް ހަމަކޮށް ލީގުގެ ދެވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި އުޅޭ ލިވަޕޫލަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އުޅޭ އާސެނަލް އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ބޯންމައުތު ވަނީ 10 ވަނައަށް ވެއްޓިފައެވެ.

ބޯންމައުތުގެ ވައިޓާލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އެ ޓީމުގެ ޖޯޝުއާ ސްމިތަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރައެސް މަތަކުރިއިރު އޭގެފަހުން ސިޓީގެ ބެނާޑޯ ސިލްވާގެ އިތުރުން ކައިލް ވޯކާ އަދި ނިކޮލަސް އޮޓަމެންޑީ ފޮނުވާލި ހަމަލާތައް ބޯންމައުތުގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ 15 ވަނަ މިނެޓުގައި ސިޓީ އަށް ލީޑްނަގައިދިނީ އާޖެންޓީނާގެ އިތުބާރު ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. މިއީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރައިނާ ތަނަވަސްކުރި ފުރުޞަތަކުން އަގުއޭރޯ ޖެހި ގޯލެކެވެ. 

މި ލަނޑުޖެހުމަށް ތަނަވަސްކުރި ފުރުޞަތާއެކު ޑި ބްރައިނާ ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ އަވަހަށް 50 އެސިސްޓް ހަމަކުރި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ޑި ބްރައިނާ މި އަދަދަށް އެސިސްޓް ހަމަކޮށްފައިވަނީ 123 މެޗުންނެވެ. މީގެކުރީން، އެންމެ އަވަހަށް 50 އެސިސްޓް ހަމަކުރުމުގެ ރެކޯޑް އޮތީ 141 މެޗުން އާސެނަލްގެ މެސުޓް އޮޒިލް އެވެ.

ސިޓީގެ ދެވަނަ ލަނޑު، މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޑޭވިޑް ސިލްވާ ތަނަވަސްކުރި ފުރުޞަތަކުން ކާމިޔާބުކޮށްދިނީ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ގޯލެވެ. އޭގެފަހުން، މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބޯންމައުތުގެ ހެރީ ވިލްސަން ވަނީ ހިލޭޖެހުމަކުން ވައްދާލި ރީތި ގޯލަކުން އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ސިޓީގެ ސިލްވާ އަށް އެ ޓީމުގެ ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، ބޯންމައުތުގެ ކެލުމް ވިލްސަން އަށް ލިބުނު ފުރުޞަތުވެސް ވީ ބޭކާރެވެ. ނަމަވެސް، މެޗުގެ 64 ވަނަ މިނެޓުގައި އަގުއޭރޯ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ސިޓީ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ސްޕެއިނުގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ސިލްވާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާ އަތުން 1-0 އިން ނިއުކާސަލް ޔުނައިޓެޑް މޮޅުވިއިރު، ބާންލޭއާ ދެކޮޅަށް ވުލްވްސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.