މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާއާ ގުޅުނު އެންމެ އަގުބޮޑު ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ދެލަނޑާއެކު 5-2 ގެ ނަތީޖާއަކުން ރެއާލް ބެޓިސް ބަލިކޮށް އެ ޓީމުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެތުލެޓިކް ބިލްބާއޯ އަތުން ފަހުވަގުތު 1-0 އިން ބަލިވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ބާސެލޯނާ އިން ރޭގެ މެޗު ކާމިޔާބުކުރިއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި އޮސްމާނޭ ޑެމްބެލޭ އަނިޔާގެ ސަބަބުން ނުކުޅެއެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ގައި ކުޅުނު މި މެޗުގައި ހީކުރި ގޮތާއި ހިލާފަށް ކުރީން ލީޑްނެގީ ބެޓިސް އިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ނަބީލް ފެކީރްގެ ގޯލުން ބެޓިސް ކުރި ހޯދާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ގްރީޒްމަން އެވެ. 

ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ލީޑު ނަގައިދިނީ ވެސް ސުއަރޭޒް ނެތުމުން ސެންޓަ ފޯވާޑަކަށް ކުޅެމުން ދިޔަ ގްރީޒްމަން އެވެ. އޭގެފަހުން، ބާސެލޯނާ އިން ވަނީ ގާތްގާތުގައި ތިން ގޯލް ޖަހައި މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. އެގޮތުން، މެޗުގެ 56 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ކާލެސް ޕެރޭޒް ގޯލުން ބާސެލޯނާ އިން ދެލަނޑުގެ ލީޑެއް ނެގިއިރު، އޭގެ ހަތަރު މިނެޓުފަހުން ސްޕެއިނުގެ ފުލްބެކް ޖޯޑީ އަލްބާ ވަނީ ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ 77 ވަނަ މިނެޓުގައި ބާސެލޯނާގެ ފަސްވަނަ ލަނޑު، އާތުރޯ ވިޑާލް ކާމިޔާބުކުރިއިރު، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ބެޓިސްގެ ލޮރެން މޮރޮން ގޯލެއް ޖަހައި އެ ޓީމަށް ތަފާތު ކުޑަކޮށްދިނެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ރަށުން ބޭރުގައި ވަރަށް އުނދަގުލާއެކު ލެގަނޭސް އަތުން 1-0 އިން މޮޅުވެފައެވެ. މި މެޗުގައި އެތުލެޓިކޯގެ ހަމައެކަނި ގޯލް ޖަހައިދިނީ ސްޕެއިނުގެ ވިންގާ ވިޓޯލޯ އެވެ. މިއީ އެ ޓީމުން ގްރީޒްމަން ނެތްތަން ފޫބެއްދުމަށްޓަކައި ގެނައި ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ޔާއޯ ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތަކުން ވިޓޯލޯ ޖެހި ގޯލެކެވެ.

ރޭގެ މެޗުތަކަށްފަހު، ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ސެވިއްޔާ އެވެ. އެ ޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެތުލެޓިކޯ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ސެވިއްޔާ އަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. ތިން ޕޮއިންޓާއެކު ނުވަ ވަނައިގައި ބާސެލޯނާ އޮތްއިރު، ވާދަވެރި ރެއާލް މެޑްރިޑް އޮތީ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.