ފްރެންޗް ލީގުގައި އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީ ކުޅުނު މެޗުގައި ޓުލޫޒް އަތުން މޮޅުވިއިރު، އެ ޓީމުގެ މުހިއްމު ކުޅުންތެރިންކަމަށްވާ ކިލިއަން އެމްބާޕޭ އާއި އެޑިންސަން ކަވާނީ އަށް އަނިޔާވެއްޖެއެވެ. ޕީއެސްޖީން މި މެޗު ކާމިޔާބުކުރީ 4-0 އިންނެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނިކުތީ ލީގުގައި މިދިޔަ ހަފްތާގައި ރެނޭސް އަތުން 2-1 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި ހޫލިއަން ޑްރެކްސްލާ އާއި ތިއާގޯ ސިލްވާ އަދި ތޯމަސް މޫނިއޭގެ ބަދަލުގައި ޖާގަ ދީފައިވަނީ ކްލިން ޑަގްބާގެ އިތުރުން އިދްރިސާ ގޭ އަދި ޕަބްލޯ ސަރާބިއާ އަށެވެ. މީގެއިތުރުން، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާގެ މުސްތަގްބަލާ ގުޅޭގޮތުން ވަކިގޮތެއް ނުނިމޭތީވެ މި މެޗުގައިވެސް އޭނާ ނުކުޅެއެވެ.

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވީނަމަވެސް، އެ ޓީމުގެ ފްރާންސް ފޯވާޑް އެމްބާޕޭ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ތިން ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، އެމްބާޕޭ ފޮނުވާލި ތިން ހަމަލާވެސް ޓުލޫޒްގެ ގޯލްކީޕަރު މަތަކުރިއެވެ.

މި މެޗުގެ ކުޅުން ފެށިތާ 14 ވަރަކަށް މިނެޓުގެ ތެރޭގައި، ޕީއެސްޖީގެ އުރުގުއޭ ފޯވާޑް ކަވާނީ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކޮށްފައިވާއިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް އެ ޓީމުގެ ޑިފެންޑަރު އަބްދު ޑިއާލޯ އަށް ވެސް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. ކަވާނީގެ ބަދަލުގައި އެރިކް ޗޫޕޯ-މޯޓިން ކުޅެން ނިކުތްއިރު، ޑިއާލޯގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ ތިއާގޯ ސިލްވާ އެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެން ފަސްވަނަ މިނެޓުގައި ޗޫޕޯ-މޯޓިން ކާމިޔާބުކުރި ގޯލުން ޕީއެސްޖީ ލީޑްނެގިއިރު، އޭގެ ފަސް މިނެޓުފަހުން ޓުލޫޒްގެ މެތިއު ގޮންކާލްވެސް އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ނަތީޖާ ވަނީ 2-0 ބަދަލުކޮށްލާފައެވެ.

އޭގެފަހުން، މެޗުގެ 71 ވަނަ މިނެޓުގައި ޕީއެސްޖީގެ ލީޑް އިތުރަށް ފުޅާކުރުމަށް އާޖެންޓީނާގެ އެންހެލް ޑި މާރިއާ އަށް ލިބުނު ޕެނަލްޓީ ވައްދާލެވޭގޮތެއްނުވިއެވެ. މިއީ ޓުލޫޒްގެ ޑިފެންޑަރު ގޮންކާލްވެސް ބޯޅައިގައި އަތްލުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު، އޭގެ ހަތަރު މިނެޓުފަހުން، ޕީއެސްޖީގެ ތިންވަނަ ލަނޑު، ޗޫޕޯ-މޯޓިން ޖަހައިދީފައިވާއިރު މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ފަހުލަނޑު ކާމިޔާބުކޮށްދިނީ ޑި މާރިއާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މާކީނޯސް އެވެ.

ލީގުގައި މި ހަފްތާގައި ކުޅުނު މެޗުތަކަށްފަހު، ތާވަލްގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު ރެނޭސް އޮތްއިރު، ދެވަނައިގައި އޮތް އޮލިމްޕިކް ލިޔޯންގެ އިތުރުން ތިންވަނައިގައި އޮތް ޕީއެސްޖީ އާއި ނީސް އަދި އޭންޖާސް އަށް ވެސް ހަ ޕޮއިންޓް ލިބިފައިވެއެވެ. ލިޔޯން އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.